މާލެ ޓެކްސީ ލައިން ޚިދުމަތުގައި ބޭނުންކުރާ އެޕްލިކޭޝަން ބޭރުން ބަޔަކު ހެކް ކޮށްފައިނުވާ ކަމަށާއި، ސިސްޓަމްގައި ހުރި މައުލޫމާތުތައް ލީކްކޮށްފައިވަނީ ކުންފުނީގެ މުވައްޒަފަކު ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން މިކަން ހާމަކޮށްފައިވަނީ މާލެ ޓެކްސީ ލައިންގެ އެޕްލިކޭޝަން ހެކްކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައްޔާއި ބައެއް މީޑިއާތަކުގައި ދައުރުވަމުންދާ ޚަބަރުތަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ. އެ ބަޔާނުގައި ވިދާޅުވީ، އެޕްލިކޭޝަން ބޭރުން ބަޔަކު ހެކްކުރި ކަމަށް ބުނެ ދައުރުކުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.
އެ ކުންފުނިން ކުރި އެތެރޭގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، ޓެކްސީ އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މަޢުލޫމާތުތަކަށް ބަދަލު ގެނެސް، ސިސްޓަމްގައި ހުރި މައުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި ލީކުކޮށްފައިވަނީ ކުންފުނީގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފެކެވެ. އަދި އެ މުވައްޒަފު އެ އަމަލު ހިންގާފައިވަނީ އެއްވެސް ހުއްދައަކާ ނުލައި، އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ކަމަށްވެސް އެމްޓީސީސީން ފާހަގަކުރެއްވިއެވެ.
ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލުތަކެއް ގެނެސްފައިވާކަން އެމްޓީސީސީގެ އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ފާހަގަކުރެވުމާއެކު، ވަގުތުން އެކަން އޮޕަރޭޝަންސް ޓީމުގެ ސަމާލުކަމަށް ގެނެސް ސިސްޓަމް ވަނީ ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެންގޮސްފައެވެ. އަދި ކުންފުނީގެ ސާވަރތަކާއި މާލެ ޓެކްސީ ލައިންގެ ބެކްއެންޑް ސިސްޓަމް ރޭގެ 11:30 ގައި ރައްކާތެރިކަމާއެކު އަލުން ރީސްޓޯރކޮށް، ސިސްޓަމްގެ ރައްކާތެރިކަން ވަނީ ކަށަވަރުކޮށްފައެވެ. އެހެންކަމުން، ކަސްޓަމަރުންނަށް މި ޚިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
މިއީ ބޭރުން އެޕްލިކޭޝަންގެ ފަޔަރވޯލްއަށް ހަމަލާއެއް ދީގެން ހިންގާފައިވާ ސައިބަރ އެޓޭކެއް ނުވަތަ ހެކް ކުރުމުގެ އަމަލެއް ނޫންކަން ސާފުކޮށްދެމުން އެމްޓީސީސީން ވިދާޅުވީ، އެ ނޭދެވޭ އަމަލު ހިންގި މުވައްޒަފު މިހާރު ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ.
އެމްޓީސީސީން އިތުރަށް ވިދާޅުވީ، މިފަދަ ދަށު ދަރަޖައިގެ އަމަލުތަކުގެ މައިގަނޑު ބޭނުމަކީ ކުންފުނިން އެތައް އަހަރެއްގެ ބުރަ މަސައްކަތުން ހޯދާފައިވާ ރައްޔިތުންގެ ލޯތްބާއި އިތުބާރު އަދި ރީތި ނަން ކިލަނބުކޮށްލުން ކަމަށެވެ. އަދި ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގައި އެ ކުންފުނި އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.