ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނުމުގެ އިތުރުން، ބޭހާއި ޞިއްޙީ ސާމާނު ހޯދުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ދުނިޔޭގެ މަޝްހޫރު ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއި ސްޓޭޓް ފާމާއާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ސީރަމް އިންސްޓިޓިއުޓްގެ ޑިރެކްޓަރ އޮފް އިންޓަނޭޝަނަލް ބިޒްނަސް، މިސްޓަރ ސަންދީޕް މުލޭ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިންނެވެ. މާލޭގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ރާއްޖެއަށް ބޭނުންވާ ވެކްސިނާއި އެހެނިހެން އަސާސީ ފާމަސޫޓިކަލް އުފެއްދުންތައް އިތުބާރާއެކު ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ހުރި ފުރުސަތުތައް ދެނެގަނެ، އެކަންކަމާ ގުޅޭގޮތުން ދެފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވާފައެވެ.
ސްޓޭޓް ފާމާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގައި ވެކްސިން ލިބުމުގެ ދަތިކަން ހައްލުކުރުމުގެ އިތުރުން، ބޭހާއި ޞިއްޙީ ސާމާނު ރާއްޖެ އެތެރެކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ހަލުވިކުރުމަށް ކުރެވިދާނެ ކަންކަމަށް ވަނީ އަލިއަޅުވާލާފައެވެ. އަދި ހަމައެއާއެކު، ކުރިމަގުގައި ރާއްޖޭގައި ހިންގުމަށް ރާވާފައިވާ އާންމު ޞިއްޙަތުގެ އެކި ޕްރޮގްރާމްތަކުގައި ދެފަރާތް ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް ވަނީ މުހިންމު މަޝްވަރާތަކެއް ކޮށްފައެވެ.
ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުންޏެވެ. މި ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ މުހިންމު ވެކްސިނާއި ފެންވަރު ރަނގަޅު ބޭސް ފަސޭހަކަމާއެކު ލިބިގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.