އެންމެ ފައިދާހުރި ޒީނަތްތެރިކަމުން ޒީނަތްތެރިވެވެން އޮތް ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އެންމެ ފައިދާހުރި ޒީނަތްތެރިކަމުން
ޒީނަތްތެރިވެވެން އޮތް ގޮތް!

ކޮންމެ މުސްލިމަކުވެސް ބޭނުންވާނީ ކީރިތި ޤުރްއާން

މަތިވެރިކޮށް، ޤަދަރުކޮށް އަދި ޒީނަތްތެރިވެސް ކުރާށެވެ! ނަމަވެސް އެކަންކަން ކުރަން ތިމާ ކުރަންޖެހޭ ކަންކަން ވިސްނެނީ ވަރަށް މަދުމީހަކަށެވެ. ޙަޤީޤަތަށް ބަލައިފިނަމަ ޤުރްޢާން ަމތިވެރިކުރުމާއި، ޤަދަރުކުރުމާއި ޒީނަތްތެރިކުރުމާއި އަދި ލޯބިކުރުމާއި މިހުރިހާ ކަމެއްކުރަންވެސް ކުރަން އޮތީ އެންމެ ކަމެކެވެ.

ޤުރްއާން ޒީނަތްތެރިކުރުން:

ކީރިތި ޤުރްއާން ޒީނަތްތެރިކުރަން ޢމަލުކުރަންޖެހޭ ގޮތް ގިނަ ބައަކަށް މިވަނީ އޮޅިފައެވެ. އެހެންވެ ކީރިތި ޤްރްއާން ޒީނަތްތެރިކުރަން ގިނަ ބައަކު ކުރާކަމަކީ ރީތި އަގު ބޮޑު ފޮތިން ބަނދެފައި ގިނަ ބައަކަށް ފެންނާނެ ގޮތަށް ބޭއްވުމެވެ. ނަމަވެސް ކީރިތި ޤުރްއާން ޒީނަތްތެރިކުރުމަކީ ނުވަތަ ކީރިތި ޤުރްއާނުން ޒީނަތްތެރިވުމަކީ އެއީއެއް ނޫނެވެ. އެކަން ކުރެވެން އޮތީ މުޅިން ތަފާތު ގޮތަކުންނެވެ.

ކީރިތި ޤުރްއާން ޒީނަތްތެރިކުރުމަކީ އަދި ކީރިތި ޤުރްއާނުން ޒީނަތްތެރިވުމަކީ ވެސް އެ ފޮތް ކިޔަވަން އޮތް ތަޖްވީދުމަގުން އެ ފޮތް ވީހައި ގިނައިން ކިޔަވައި މާނަ ދަސްކޮށް އެފޮތުގައިވާ ކަންކަމަށް ޢަމަލުކުރުމެވެ. އެފޮތަށް ލޯބިކުރުމާއިއެކު އެހެން މީހުންގެ ހިތުގައި ލޯބި ޖައްސުވަން މަސައްކަތްކުރުމެވެ. އެހެން މީހުން ލައްވައިވެސް އެ ފޮތަށް އަމަލުކުރުވަން މަސައްކަތްކުރުވުމެވެ.

ބޭރުން ކިތަންމެ ވަރަކަށް ޒީނަތްތެރިކޮށްފައި ގޭގައި ބޭއްވި ނަމަވެސް ކީރިތި ޤުރްއާން ކިޔަވައި ޤުރްއާނަށް އަމަލު ނުކުރާނަމަ އެކަމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެހެނީ އެފޮތް ބާވައިލެއްވެވީ ޒީނަތްތެރިކޮށްފައި ބާއްވާކަށް ނޫނެވެ. އެއިގައިވާ އެއްޗެއް ކިޔަވައި،އުނގެނި އަދި އެއަށް ޢަމަލުކުރުމަށެވެ.

 ކީރިތި ޤުރްއާނަށް އަމަލުކުރާ މީހާ ﷲ ތަޢާލާ

ޒީނަތްތެރިކޮށް ދެއްވަވާނެކަމަށް ބުނެވޭ ބަހުގެ މާނައަކީ އެމީހަކަށް ދެ ދުނިޔޭގައިވެސް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެ ކަމެވެ. އާޚިރަތް ދުވަހުގެ ނަޞީބުވެރިންގެ ތެރޭގައި އެމީހާ ހިމަނުއްވަވާނެ ކަމެވެ! އިން ޝާ ﷲ. 

ވީމާ ކީރިތި ޤުރްއާން ޒީނަތްތެރިކުރުމުގެ ޙަޤީޤީ މާނައިގައި ޒީނަތްތެރިކުރާށެވެ! އެކަމުން ތިބާއަށް ލިބެން އޮތް ޒީނަތްތެރިކަން ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން