ތިމާއަކީ ދެދުނިޔޭގައިވެސް އުފާވެރިކަން ލިބެންއެދޭމީހަކުނަމަ ނިކަން އަމިއްލައަށް މިހިސާބުތައް ޖަހައި ތިމާގެ ޙާލަތު ދެނެގަތުން މުހިންމު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ތިމާއަކީ ދެދުނިޔޭގައިވެސް އުފާވެރިކަން ލިބެންއެދޭމީހަކުނަމަ ނިކަން އަމިއްލައަށް މިހިސާބުތައް ޖަހައި ތިމާގެ ޙާލަތު ދެނެގަތުން މުހިންމު!

އަހުރެމެންނަށް ކުރެވޭނެ ކަމަކީ ދުނިޔެއާއި އާޚިރަތް ލިބިގަންނަން ކުރަންވީ ކަންކަން ބުނެދިނުމެވެ. ފައިދާކުރާނީ ޢަމަލުކުރި މީހަކަށެވެ. ޢަމަލުކުރެވޭކަމާއި ކުރެވޭ މިންވަރު އެނގޭނީ އެމީހަކަށެވެ. ވީމާ ރަނގަޅަށް އަޑުއަހާށެވެ!  

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ތިމާއަށް ދުނިޔެއާއި އާޚިރަތުގައިވެސް އެންމެ މޮޅު ގޮތްތައް މެދުވެރިވުމެވެ. ސުވާލަކީ އެކަމަށް އެދިގެން ތިބާއަށް ކުރެވެނީ ކޮން މަސައްކަތެއް ހެއްޔެވެ؟ އަދި އެންމެ މޮޅަކީ ކޮބައިކަން ވިސްނޭހެއްޔެވެ؟  

ފުރަތަމަ ކަމަކަށް ތިބާ ފަރުޟް 5 ނަމާދަށް ރައްކައުތެރިވމުހެއްޔެވެ؟ 5 ނަމާދު ކުރަމުން ގެންދާނަމަ ނަމާދުކޮށް ޛިކުރުކުރެވެނީ ކިހައިވަރަކަށް ހެއްޔެވެ؟ ދުވާލަކު ޤުރްއާނުން ކިޔެވެނީ ކިހައި މިންވަރެއް ހެއްޔެވެ؟ ކިތައް އާޔަތްހެއްޔެވެ؟ ކިތައް ޞަފްޙާ ހެއްޔެވެ؟  

މިސްކިތުން ފައިބައި ތިބާގެ ވާޖިބްތައް އަދާކުރަމުހެއްޔެވެ؟ މައިންބަފައިންނާއި އަނބިދަރިންގެ ޙައްޤުތައް އަދާކުރަމުހެއްޔެވެ؟ ނިކަމެތި ފަޤީރުންނާއި އަޅައިލަމުހެއްޔެވެ؟ އެއްވެސް މީހަކަށް އެހީތެރިވެދެމުހެއްޔެވެ؟  

ދެން މިކުރަނީ އެންމެ ޢާންމު ސުވާލެވެ! ކޮންމެ ދުވަހެއް ނިމުމުން އެދުވަހު ތިމާ ﷲ ތަޢާލާއަށް އަޅުކަންކުރަން ހޭދަކުރި ވަޤުތާއި އެހެން ކަންކަމަށް ހޭދަކުރި ވަޤުތު ބަލަމުހެއްޔެވެ؟ މިދައްކަނީ ވަޒީފާއަދާކުރި ވަޤުތުގެ ވާހަކައެއް ނޫނެވެ. އެކުވެރިންނާއިއެކު ކޮފީތަކުގައި ހޭދަކުރި ވަޤުތުތަކާއި ސޯޝަލްމީޑިއާގައި ހޭދަކުރި ވަޤުތުތަކާއި ތިމާއާއި ނުވެސްބެހޭ ކަންކަމުގެ ޥާހަކަދައްކަން ހޭދަކުރި ވަޤުތުތަކުގެ ވާހަކައެވެ.

ﷲ ތަޢާލާއަށް އަޅުކަންކުރަން ހޭދަކުރި ވަޤުތާއި ތިމާއަދާކުރަންޖެހޭ ޢާއިލީ ޒިންމާ އަދާކުރަން ހޭދަކުރި ވަޤުތާއި އެއްކޮށްބަލާށެވެ! ދެން ކުރިން މިބުނި ފަދަ ބޭކާރު ކަންކަމަށް ހޭދަކުރި ވަޤުތުތައް އެއްކޮށްބަލާށެވެ. ނުކުންނަ ނަތީޖާއަށް ބަލާށެވެ. އެއިރުން ދެދުނިޔޭގައިވެސް އެންމެ ރަނގަޅު ގޮތްތައް މިންވަރުކުރައްވަވަން ޙައްޤުކަން ނުވްތަ ނޫންކަން އެއިރުން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ.

މީސްތަކުންނޭވެ! ދެން އޮތީ ބޭނުންވާ އެންމެ މޮޅުކަމުގެ ވާހަކައެވެ. ތިމާއަށް ލިބޭނެ އެންމެ މޮޅުކަމަކީ ސުވަރުގެ ވަދެވުމެވެ. ސުވަރުގެ ޙާޞިލުނުކުރެވިއްޖެނަމަ އެއޮތީ އެންމެ ދެރަ ނިކަމެތިންގެ ލިސްޓުގައެވެ. އެމީހަކަށް އެއްވެސް މޮޅެއް ނެތެވެ.  

ވީމާ ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރަން އެދޭމީހާ އެންމެ ބޮޑަށް އިސްކަންދޭންވީ މިބުނި ކަންކަން ކޮންމެ ދުވަހަކުވެސް ހިސާބުކުރުމަށެވެ. ބޭނުންވެގެން ތިއައުޅޭ ކަންކަން ޙާޞިލުކުރެވޭނީ އެއިރުންނެވެ.

 

- މަޢުލޫމާތު ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން