ފެނުނު މީހެއްގެ ރީތިކަމުގެ ވާހަކަ ބައިވެރިޔާގެ ގާތުގަ ބުނުމަކީ ތެދުވެރިކަން! ކަންބޮޑުވާންޖެހޭނީ ބައިވެރިޔާ ރީތީގެ ފަހަތުން ދާނަމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ފެނުނު މީހެއްގެ ރީތިކަމުގެ ވާހަކަ ބައިވެރިޔާގެ ގާތުގަ ބުނުމަކީ ތެދުވެރިކަން! ކަންބޮޑުވާންޖެހޭނީ ބައިވެރިޔާ ރީތީގެ ފަހަތުން ދާނަމަ!

އަޅުގަނޑުގެ ފިރިމީހާއަށް ރީތި އަންހެނަކު ފެނިއްޖެނަމަ ބެލުމުގެ އިތުރަށް އޭނާގެ ރީތިކަމުގެ ވާހަކަ ބުނެއެވެ؟ އެކަމަށް ކުރެވޭނީ ކޮންކަމެއްތޯ؟  

އެކަމަށް ކުރަން އޮތް ކަމަކީ ބަލާނަމަ ދީނުގައި އޮތްމަގުން އިސް ތިރިކުރަން ބުނުމެވެ. ބެލީމާ ފާފަވެރިވާބނެކަން ހަނދާންކޮށްދިނުމެވެ. ބައިވެރިޔާ އެވާހަކަ އެބުނަނީ ތިބާދެކެ ލޯބިވާތީއެވެ. ނޫންނަމަ ކުރާނީ ސިއްރެވެ. އެންމެ ރަނގަޅު ގޮތަކީ ރީތީގެ ފަހަތުން ނުދާނަމަ އަޅައިވެސް ނުލުމެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

ދެމީހަކު ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރުވެސް އަދި ކައިވެންޏަށްފަހުގައިވެސް އެހެން މީހަކު ރީތިވެދާނެއެވެ. އެއީ އޭނާގެ ކުށެއް ނޫނެވެ. ﷲ ތަޢާލާ އިންސާނުން އުފައްދަވާފައިވަނީ ތަފާތު ބައްޓަމަށެވެ. ސިފަވެސް ތަފާތު ކޮށެވެ. ވީމާ ރީތި މީހަކު ފެނިއްޖެނަމަ އޭނާގެ ރީތިކަން އިޙްޞާޞްކުރެވުމަކީ އޭނާގެ ހިތް ކުރުވާ ކަމެކެވެ.

އެކަމަށް ރުޅި އަންނަން ޖެހޭނީ ނުވަތަ އެކަން މައްސަލައަކަށް ހަދަންޖެހޭނީ އޭނާ ރީތިވެގެން އޭނާގެ ހިތް ބުނާބުނުމަށް އޭނާ ޢަމަލުކޮށްފިނަމައެވެ. ޢަމަލުނުކޮށްފިނަމަ އެއީ އަމިއްލަ ނަފްސްގެ ކޮންޓްރޯލް އަތުގައި ބާއްވައިގެން ހުރި މީހެކެވެ. އެކަން އެގޮތަށް ކުރެވޭނީ ވަރަށް ހަރުދަނާ މީހުންނަށެވެ.  

އެފަދަ ހަރުދަނާ ބައިވަރިއަކު ލިބިއްޖެނަމަ އޮތީ އުފާކުރުމެވެ. އެމީހަކާއިއެކުގައި ދެމިހުރުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. އަދި އޭނާއަށް ޘާބިތުކަން ދެއްވެވުން އެދި ދުޢާކުރަންވެސް ވާނެއެވެ.

މިބަސްކޮޅު މިބުނަނީ ލޯބިވެރިޔާ ނުވަތަ ބައިވެރިޔާއަށް ރީތި މީހަކު ފެނުމުން އެއީ ރީތި މީހަކު ކަމަށް ބުނެފިނަމަ އެކަމަށް ނަފްރަތުކުރެވި އެމީހަކު ދެކެ ރުޅިއާދެވޭތީއެވެ. އެއީ ދޯދިޔާ މީހަކު ކަމަށް ޤަބޫލުކުރެވި އެމީހަކާއި ވަކިވެވޭތީއެވެ. ނުހަނު ލޯބިން އުޅެމުންވެސް ކައިވެނި ރޫޅައިލާ ސަބަބަކަސްވެސް އެކަން ހަދާތީއެވެ.  

ވީމާ ނަޞޭޙަތަކީ އޭނާ ބުނިބަހަށް ނަފްރަތުނުކުރާށެވެ! އޭނާގެ އިޙްޞާޞްތައް ތެދަށް ބުނިކަން އެއީވެސް އޭނާގެ ރަނގަޅުކަމެވެ. ކުރިން މިބުނި ފަދައިން އޭނާ އެބުނިބަހާއިމެދު ކަންބޮޑުވާންޖެހޭނީ އެބަހަށް އޭނާ ޢަމަލުކޮށްފިނަމައެވެ. ކައިވެންޏަށްފަހު އެފަދަ ޢަމަލެއް ކޮށްފިނަމަ އެމީހަކީ ހަރުދަނާކަމެއް ނެތް ދޯދިޔާ މީހަކުކަމަށްބަލައި އެމީހަކާއި ވަކިވުމަކީވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ތަކުރާރުކޮށްލާނަމެވެ. ފެނުނު މީހާ ރީތިކަމަށް ބުނީތީއެއް ނޫނެވެ. ރީތިމީހާ ހޯދަން ފަހަތުން ދުވެފިނަމައެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން