ސްޓޭޓް ފާމަސޫޓިކަލްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި 100 އެއްހާ ފާމަސިސްޓުން ބޭނުންވާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޑރ. ޝާހް މާހިރު ފާހަގަކުރެއްވި ގޮތުގައި، މިހާރު އެ ކުންފުނީގެ ފާމަސީތަކުގައި ބޭސް ދޫކުރުމުގެ ޚިދުމަތުގައި ތިބި ފާމަސިސްޓުންގެ އަދަދު އަދިވެސް ވަރަށް މަދެވެ. އަދި ބޭސް ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގާތްގަނޑަކަށް 100 ފާމަސިސްޓުން މި ވަގުތުވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ޝާހް ވިދާޅުވީ ފާމަސިސްޓުން ހޯދުމަށްޓަކައި މިފަހުން ކުރި އިޢުލާނުތަކަށް އެދެވޭ ތަރުޙީބެއް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން، ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދުމުގެ ގޮތުން ރާއްޖެއިން ބޭރުންވެސް ފާމަސިސްޓުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
މީގެއިތުރުން، މި ދާއިރާއިން ދިވެހިން ތަމްރީނުކުރުމަށްޓަކައި ރާއްޖޭގެ ކޮލެޖް، ޔުނިވަރސިޓީތަކާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ފަށާފައިވާކަން ޑރ. ޝާހް ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއެކު ޚާއްޞަ އެއްބަސްވުމެއް އެކުލަވާލުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ވިދާޅުވިއެވެ.
"ކިހިނެތްތޯ އެކުދިންގެ ޝައުގުވެރިކަން މިކަމަށް ޖައްސާނީ. ކޯސް ނިމުނީމަ ވަޒީފާގެ ޔަޤީންކަން ދިނުމާއި ތަމްރީން ވަމުންދާއިރު އަޅުގަނޑުމެންނާއެކު މަސައްކަތް ކުރެވޭނީ ކިހިނަކުންތޯއާ އިތުރަށް މިހާރު ތިބި ސްޓާފުންނަށް ތަމްރީން ދޭނެ ގޮތްތަކާ ގުޅެގޮތުން ވާހަކަދައްކަފާއި. މިފަދަ ތަމްރީން ދެ އިތުރު ތަންތަނާވެސް ބައްދަލުކުރާނެ،" ޑރ. ޝާހް ވިދާޅުވިއެވެ.
ސްޓޭޓް ފާމަސޫޓިކަލްއިން އަމާޒު ހިފާފައިވަނީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ފާމަސީތަކުގެ ޚިދުމަތް މެދުކެނޑުމެއްނެތި، ފެންވަރު ރަނގަޅުކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށެވެ.