ކިހާދޫގެ ކަރަންޓުގެ ޔަގީންކަން ކަށަވަރުކުރުމަށް 400 ކިލޯވޮޓްގެ ޖަނަރޭޓަރެއް ބަހައްޓަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ކިހާދޫގެ ކަރަންޓުގެ ޔަގީންކަން ކަށަވަރުކުރުމަށް 400 ކިލޯވޮޓްގެ ޖަނަރޭޓަރެއް ބަހައްޓަނީ

ބ. ކިހާދޫގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމެއްނެތި، ޔަގީންކަމާއެކު ފޯރުކޮށްދިނުމަށްޓަކައި އެ ރަށަށް 400 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް ގެންގޮސް، ކޮމިޝަންކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ފަށައިފިއެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދެއްވި ގޮތުގައި، ކިހާދޫގެ ކަރަންޓުގެ ޚިދުމަތާ އެ ކުންފުނިން ހަވާލުވެ ޚިދުމަތް ދެމުންގެންދިޔަ 3 ޖަނަރޭޓަރުގެ ތެރެއިން 250 ކިލޯވޮޓްގެ ޖަނަރޭޓަރަކަށް ދާދިފަހުން ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެފައެވެ. މި މައްސަލައާ ގުޅިގެން ރަށުން ކަރަންޓު ކެނޑުމުގެ ފުރުޞަތު އޮތުމުން، ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުންފުނިން ވަނީ ވަގުތުން އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން، ކުރު މުއްދަތެއްގެ ތެރޭގައި އެ މައްސަލަ ހައްލުކުރުމަށްޓަކައި 24 ގަޑިއިރުގެ ތެރޭގައި 400 ކިލޯވޮޓްގެ ޖަނަރޭޓަރެއް ކިހާދޫއަށް ގެންގޮސްފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެ ޖަނަރޭޓަރު ކޮމިޝަން ކުރުމުގެ މަސައްކަތް ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިން އިތުރަށް ވިދާޅުވީ، މި އައު ޖަނަރޭޓަރު ކޮމިޝަންކޮށް ރަސްމީކޮށް ބޭނުންކުރަން ފެށުމާއެކު، ކިހާދޫގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަވެ، ޚިދުމަތުގެ އިތުބާރާއި ޔަގީންކަން ކުރިއަށްވުރެ ބޮޑަށް ކަށަވަރުވެގެންދާނެ ކަމަށެވެ.

މިއަދު އޮންލައިން