ހދ. ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.
އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ނިންމާ، 13 އޮގަސްޓު 2026 ގައި ފެނާއި ނަރުދަމާ ނިޒާމު ޓެސްޓްކޮށް ކޮމިޝަން ކޮށްފައިއެވެ.
ފެނާއި ނަރުދަމާ ނިޒާމް ޓެސްޓްކޮށް ކޮމިޝަން ކުރުމުގައި މި މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުންގެ އިތުރުން ކޮންޓްރެކްޓަރާއި، ފެނަކަ ކޯޕަރޭޝަނުން އަދި ކައުންސިލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އަދި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.
މި މަޝްރޫޢުގެ ދަށުން ފެން ޓެސްޓްކުރެވޭ އިކްއިޕްމަންޓްތަކާއެކު ލެބޯޓްރީއަކާއި އޮފީސް ޖާގަ ހިމެނޭހެން 30 ކިލޯވޮޓްގެ ސޯލަރ ޕެނަލް ހަރުކޮށްފައިވެއެވެ. އަދި އާރު.އޯ ޕްލާންޓް އިމާރާތެއް ޤާއިމުކޮށް، 2 ބޯހޯލް ތޮރުފައި، 30 ޓަނުގެ 2 އާރް.އޯ ޕްލާންޓާއި، 135 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކާއި، 200 ޓަނުގެ ވާރޭ ފެން ރައްކާކުރާ 1 ޓޭންކާއި، 3 ނަރުދަމާ ޕަންޕިންގ ސްޓޭޝަނާއެކު ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓެއް ޤާއިމުކޮށްފައިވެއެވެ.
މީގެއިތުރުން 13.1 ކިލޯ މީޓަރުގެ ފެނުގެ ވިއުގަ އަކާއި 10.4 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގަ އަޅާފައިވާއިރު، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން ނަރުދަމާ ނިޒާމު ގުޅުވުމަށްޓަކައި ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގެ ތެރޭގައި ކެޗްޕިޓް ބެހެއްޓުމާއި ފެން މީޓަރުތައް ބެހެއްޓުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
ހަބަރު: ސަރުކާރު