ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމަކީ ދިވެހި ކޮންޓްރެކްޓަރުންނަށް ލިބޭނެ ބޮޑު ހަމަހަމަކަމެއް: ވަޒީރު މުއްޠަލިބް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 11ސ
ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމަކީ ދިވެހި ކޮންޓްރެކްޓަރުންނަށް ލިބޭނެ ބޮޑު ހަމަހަމަކަމެއް: ވަޒީރު މުއްޠަލިބް

ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތްހޯލްޑިންގ ޓެކްސް އަލުން %10 އަށް ބޮޑުކުރުމަކީ ގެއްލިފައި އޮތް ހަމަހަމަކަން އިއާދަކޮށް، ދިވެހި ކޮންޓްރެކްޓަރުންނަށް އާމްދަނީގެ ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިންގ ޓެކްސް %10 އަށް ބަދަލުކުރުމަށްޓަކައި ޓެކްސްގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން މީސްމީޑިއާ މަންސަ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ވަޒީރު މުއްޠަލިބް ވިދާޅުވީ، 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސް %10 އިން %5 އަށް ކުޑަކުރުމަށް ޤާނޫނަށް ގެނައި އިސްލާހެއް ތަސްދީގު ކުރައްވާފައެވެ. އަދި އޭގެ ސަބަބުން ރާއްޖެއިން ބޭރުގެ ކޮންޓްރެކްޓަރުންނަށް، ދިވެހި ކޮންޓްރެކްޓަރުންނަށްވުރެ ޓެކްސްގެ ގޮތުން ނަހަމަ ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ބޭރުގެ ކޮންޓްރެކްޓަރުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކްސްގެ އަދަދު ދިވެހި ކޮންޓްރެކްޓަރުންނަށްވުރެ ކުޑަވެގެން ދިޔަކަން ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، އަލުން އަނބުރާ ވިތްހޯލްޑިންގ ޓެކްސް %10 ގެ ރޭޓަށް ގެނައުމަކީ މި ގެއްލިފައިވާ އިންސާފާއި ހަމަހަމަކަން އަލުން އިއާދަކޮށް، ރާއްޖޭގެ ކޮންޓްރެކްޓަރުންނަށް ވާދަވެރި މާހައުލެއްގައި ހަމަހަމަ ފުރުޞަތުތަކެއް ތަނަވަސްކޮށްދިނުމަށްޓަކައި ސަރުކާރުން އަޅާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ޓެކްސް ޤާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތަކުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ބޭރުގެ ކޮންޓްރެކްޓަރަކަށް އެއްވެސް ފައިސާއެއް ދައްކާނަމަ، އެ ފައިސާގެ %10 ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނެއެވެ. މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އޮތްގޮތުން ބޭރުގެ ކޮންޓްރެކްޓަރުން ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަންޖެހެނީ އެފަރާތްތަކަށް ލިބޭ ޖުމްލަ ފައިސާގެ %5 އެވެ.

މިއަދު އޮންލައިން