ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފި

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ހުރި ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަޅުތައް އެޅުމަށް ހަމަޖެހިފައިވަނީ ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ނަމަވެސް، މި މައްސަލައިގައި ސީދާ އަޅަން ނިންމާފައިވަނީ ކޮން ފިޔަވަޅުތަކެއް ކަމެއް އެ ވުޒާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުން މި ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން މިހާރު ހިންގަމުންދާ ތަންތަނާއި، ވުޒާރާގެ ހުއްދަނެތި އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ތަންތަނުގެ ތެރެއިން، އެ ފަރާތްތަކުގެ ކުލީގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ދައްކާފައިނުވާ ފަރާތްތަކާމެދުގައެވެ. ދައުލަތަށް ލިބެންޖެހޭ އާމްދަނީ ގަވާއިދުން ހޯދުމަކީ މި ސަރުކާރުން އިސްކަންދޭ މުހިންމު ސިޔާސަތެކެވެ.

އެހެންކަމުން، ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ކުއްޔަށް ހިފާފައިވާ އެންމެހައި ފަރާތްތަކުން، އެފަރާތްތަކުން ދައުލަތަށް ދައްކަންޖެހިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ، ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ވީ އެންމެ އަވަހަކަށް ދައްކައި ޚަލާޞްކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން