ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ޕްރިމިއަރ ބޭންކް (އެމް.ޕީ.ބީ)ގެ ޑިޖިޓަލް މަންސަތައް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވައިފިއެވެ.
މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވެވި، މޯލްޑިވްސް ޕްރިމިއަރ ބޭންކްގެ އިފުތިތާޙީ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބޭންކުގެ މޯބައިލް އެޕްލިކޭޝަން 'އެމް.ޕީ.ބީ ޕްލަސް" އާއި އިންޓަރނެޓް ބޭންކިންގ ޚިދުމަތް އިފުތިތާޙުކޮށްދެއްވާފައެވެ.
އެމް.ޕީ.ބީ އަކީ، ޓިއަރ 1 ފެންވަރުގެ، ސައްތައިން ސައްތަ ދިވެހި ބޭންކެކެވެ. ބޭންކުގެ މަޤުޞަދަކީ، ދިވެހި މާލީ ވެއްޓަށް އަހުލުވެރި، ޒަމާނީ، އިތުބާރު ހުރި މާލީ ޚިދުމަތްތަކެއް މެދުވެރިކޮށް، ވަކި ވަކި ފަރުދުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ކޯޕަރޭޝަންތަކަށް، ރާއްޖެ އާއި ބައިނަލްއަޤުވާމީ މައިދާނުން ފަހި ފުރުޞަތުތައް ހޯދައިދިނުމެވެ. އެމް.ޕީ.ބީގެ ޚިދުމަތްތައް ފަރުމާކުރެވިފައިވަނީ، ޑިޖިޓަލް މަންސައެއްގައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބިނާކޮށް، ބައިނަލްއަޤުވާމީ ގުޅުންތައް ކަށަވަރުކޮށްދީގެން، ހަރުދަނާ ހިންގުމުގެ އޮނިގަނޑެއްގެ ތެރެއިން، ކަސްޓަމަރުންނަށް އިސްކަންދީގެން ޚިދުމަތްދިނުމަށް ކަމުގައި އެ ބޭންކުން ހާމަކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، މަރުކަޒީ ބޭންކުގެ ގަވަރނަރ އަޙްމަދު މުނައްވަރާއި، ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް އަދި އެމް.ޕީ.ބީގެ ހިއްސާދާރު މުޙައްމަދު ޢަލީ ޖަނާޙް އާއި، އެމް.ޕީ.ބީގެ ބޯޑު މެންބަރުންނާއި، އިސް އޮފިޝަލުންނާއި، ބޭންކުގެ ޕާޓްނަރުންނާއި، ރާއްޖޭގެ މާލީ ދާއިރާގެ ފުންނާބު އުސް ގިނަ ޢަދަދެއްގެ ބޭފުޅުން މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
މޯލްޑިވްސް ޕްރިމިއަ ބޭންކް، އެމްޕީބީގެ ފުރަތަމަ ބްރާންޗް މިއަދު ވަނީ ހުޅުވާފައެވެ.