ރޭގަނޑުގެ ފަހުދަންފަޅީގަ ހޭލެވުމުން މިއުޅެނީ ނިދީގަ މައްސަލައެއް ޖެހިގެންކަމަސް ހީވެސްނުކުރާށެވެ! އެއީ އާދައިގެ ކަމެއް ނޫނެވެ. އެއީ އެމީހަކަށް ލިބޭނެ އެންމެ ޚާއްޞަ ދަޢުވަތެވެ. އެންމެ ފައިދާހުރި ދަޢުވަތެވެ. އެންމެ މަތިވެރިވަންތަ ފަރާތުން ދެއްވަވާ ދަޢުވަތެކެވެ. ތިބާގެ ހުރިހާ ބޭނުންތަކެއް ފުއްދަވައިދެއްވެވޭނެ ފަރާތުން ދެއްވަވާ ދަޢުވަތެކެވެ.
ދަޢުވަތު ޤަބޫލުކުރާށެވެ! ވުޟޫކޮށްލައި ތާޒާވެލައިގެން އެންމެ 2 ރަކްޢަތްނަމާދެއް ނަމަވެސް ކުރާށެވެ! ޤުރްއާނުން މިންވަރެއް ކިޔަވައިލާށެވެ! ޛިކުރުކޮށްލައި ﷲ ތަޢާލާ މަތިވެރިކުރާށެވެ! އެއަށްފަހު ތިބާ ބޭނުންވެގެންހުރި ހުރިހާ ކަމެއްގެ ވާހަކައިން ﷲ ތަޢާލާއަސް ދުޢާކުރާށެވެ. ދެއަތް އުފުލައި އަމިއްލަ ޢިބާރާތުން ދެންވިޔަސް މައްސަލައެއް ނެތެވެ.
ޔަޤީންކުރާށެވެ! ކޮންމެ މީހަކަށްވެސް އެފުރުޞަތު އެބައޮތެވެ. މައްސަލައަކީ އެތައްބައިވަރު ކަމަކަށް ބޭނުންވެގެންތިބޭއިރުވެސް ފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލެވޭކަމެވެ.
އަހުރެން މިދިން ނަޞީޙަތް ހުރިހާ ޢިލްމްވެރިންވެސް ދެއްވައެވެ. ވީމާ މިއީ އައުވާހަކަތަކެއް ނޫނެވެ. އަހުރެންވެސް މިކުރިކަމަކީ ތިއަ ލޮބުވެތި އެކުވެރިންނަށް ހަނދުމަކޮށްލައިދިނުމެވެ. ހިތްވަރު ދިނުމެވެ.
- އުސްތާޛާ މިޒުނާ
- މިއަދުނޫސް