މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން 56.8 މިލިޔަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެންސްޕާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ 15،369 މީހަކަށް ޖުމްލަ 56،831،000 (ފަންސާސް ހަ މިލިޔަން އަށްލައްކަ އެއްތިރީސް ހާސް) ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ އޭގެ ކުރީ މަސް ކަމަށްވާ ޖޫން މަހާ އަޅާބަލާއިރު ކުޑަކޮށް މަދު އަދަދެކެވެ. މިދިޔަ ޖޫން މަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 57.9 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި އަލަށް 63 މީހުން ވަނީ ރަޖިސްޓަރީކޮށްފައެވެ. މިއާއެކު މި ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 15،549 އަށް އަރާފައެވެ. މި ދަފްތަރުގައި ހިމެނެނީ 8،996 ފިރިހެނުންނާއި 6،553 އަންހެނުންނެވެ.
އުމުރުފުރާތަކަށް ބަލާއިރު، ދަފްތަރުގައި އެންމެ ގިނައީ އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންނެވެ. އެ އުމުރުފުރާގެ 7،896 މީހުން މިހާރު ވެސް ދަފްތަރުގައި އެބަތިއްބެވެ.
މާލީ އެހީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ވެސް އެންސްޕާއިން ބޮޑު ހޭދައެއް ވަނީ ކޮށްފައެވެ. އެގޮތުން މިދިޔަ މަހު 265 މީހެއްގެ ތެރަޕީއަށް 4،849،860 (ހަތަރު މިލިޔަން އަށްލައްކަ ސާޅީސް ނުވަހާސް އަށްސަތޭކަ ފަސްދޮޅަސް) ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި ފަރުވާ ހޯދި މީހުންގެ ތެރޭގައި ހިމެނެނީ 195 ފިރިހެނުންނާއި 70 އަންހެނުންނެވެ.
ދައުލަތުން ދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް، އެފަރާތްތަކަށް ބޭނުންވާ އަސާސީ އަދި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.