ދަރިފުޅު ކުޑަވުމުން ފަރުވާކުޑަނުކުރާށެވެ! ކޮންމެ ޢުމުރެއްގެ ދަރިއެއްގެ ނަމަވެސް ބޯކޮށަންވާނީ ފާފަވެރި ނުވާނެ ގޮތަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދަރިފުޅު ކުޑަވުމުން ފަރުވާކުޑަނުކުރާށެވެ! ކޮންމެ ޢުމުރެއްގެ ދަރިއެއްގެ ނަމަވެސް ބޯކޮށަންވާނީ ފާފަވެރި ނުވާނެ ގޮތަށް!

ވަރަށް ފަހުން އަޅުގަނޑުގެ އެކުވެރިއެއްގެ ގެއަށް ދިއައިރު އޭނާގެ ދަރިފުޅުގެ ބޯކޮށާފައި ހުރި ގޮތުން އުފެދުނު ސުވާލެކެވެ.  

އަޅުގަނޑުގެ ސުވާލަކީ ކުޑަކުދިންގެ ބޯކޮށާއިރު ބޮލުގެ ބައެއް ބާލާފަ އަނެއްބައިގަ އިސްތަށި ބެހެއްޓުން ނުވަތަ ބައެއް ދިމާތަކުން ވަރަށް ތުނިކޮށްފައި އަނެއްބައި ދިމާތަކުން ދިގުކޮށް ބެހެއްޓުން ހުއްދަވާނެތޯ؟ ވަށައިގެން ތުނިކުރުން ފިޔަވާ!  

މިމޭރުމުން ކިޔުންތެރިން ތަކުރާރުކޮށް ސުވާލުކުރައްވާތީ ދަންނަވަމެވެ. ވިސްނަންވީ ސްކޫލުން އެކަން މަނާކުރޭތޯ ނޫނީ ހުއްދަކުރޭތޯއެއް ނޫނެވެ. އިސްލާމް ދީނުގައި އެކަން އޮތް ގޮތަށެވެ. އިސްލާމް ދީނުގައި ކަމެއް ވަކިގޮތަކަށް ކުރަން އޮތްނަމަ އެކަން އެހެން ގޮތަކަށް ކުރަން ބުނެވޭނެ އެއްވެސް މުއައްސަސާއެއް ނުހުންނާނެއެވެ. އަދި ކުރަން ބުނިނަމަވެސް ޢަމަލުކުރާކަށްވެސް ނުޖެހޭނެއެވެ.  

ތިއަ ކަމުގެ ޙުކުމް އޮތް ގޮތް ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްވަނީ ވަރަށް ފުރިހަމަ އޮޅުންފިލުވައި ދެއްވައިފައެވެ.  

"ޗުއްޓީ ދުވަސްވަރު ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އިސްތަށި ގަނޑުގަ އެކި ކަހަލަ ކުލަ ޖައްސައި އެކި ކަހަލަ ފެޝަންތަކަށް އިސްތަށިގަނޑު ކޮށުވުމަކީ ރަނގަޅު ތަރުބިއްޔަތެއް ނޫނެވެ. ބޮލުގެ ބައެއް ބާލާފައި އަނެއްބައި ބެހެއްޓުން ދީނުގައި ހުއްދައެއް ނޫނެވެ!"

- ޑރ. ޢަލީ ޒާހިރު ބިން ސައީދު ޤާސިމް  

ޝައިޚްގެ ބަސްފުޅުން އެނގިގެންދަނީ ޗުއްޓީ ދުވަސްވަރުގައި ނަމަވެސް އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަން ކުރުމުން ދަރިންނަށް އޮޅުންތަކެއް އަރާނެ ކަމާއި އެއީ ދަރިންނަށް ދެވޭ ވަރަށް ނުރަނގަޅު ތަރުބިއްޔަތެއް ކަމެވެ.

ވީމާ މިފަދަ ކަންކަމަކީ ހުރިހާ ބެލެނިވެރިންވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަންކަން ކަމުގައި ފާހަގަކުރެވެއެވެ. ހަމައެކަނި މކުޑަކުދިންގެއެއް ނޫނެވެ. ބޮޑެތި މީހުންނަށްވެސް އޮތީ ހަމަ މިގޮތެވެ.

 

މިއަދު އޮންލައިން