ދިވެހި ވަތަނީ ޚިދުމަތް ފުރިހަމަކޮށްފައިވާ ފަރާތްކަކަށްވެސް ކުރިމަތިލެވޭ ގޮތަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފިއެވެ. ޒުވާނުންނަށް އިސްކަންދޭ ގޮތަށް ކަސްޓަމްސްއިން ކުރި އިއުލާނުގައި ބަޔާންކޮށްފައިވަނީ އެ އިދާރާއިން ޤާއިމްކޮށްފައިވާ އެކި އޮފީސްތަކަށް 26 އެސިސްޓެންޓް އޮފިސަރ ޓްރެއިނީ ބޭނުންވާ ކަމަށެވެ.
މި ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި އުމުރު ބެލުމުގައި މިންގަނޑެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް ޕްރޮގްރާމް ނުވަތަ އެފަދަ ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ޤައުމީ ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓެއް ހާސިލްކޮށްފައިވުން ހިމެނެއެވެ. މީގެއިތުރުން، ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ހަމައެއާއެކު، ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެއެވެ.
އެސިސްޓެންޓް އޮފިސަރ ޓްރެއިނީގެ އަސާސީ މުސާރައަކީ 5،000 ރުފިޔާއެވެ. މީގެ އިތުރުން އެލަވަންސްގެ ގޮތުގައި މަހަކު 4،660 ރުފިޔާއާއި، އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރުފިޔާ ލިބޭނެއެވެ.
އަދި ކޮއްތު ފައިސާއާއި، އިތުރު ގަޑީގެ ފައިސާގެ އިތުރުން ބަންދު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތަކާއެކު މި މަޤާމުގައި މަސައްކަތްކުރާ މުވައްޒަފަކަށް މަހަކު ޖުމްލަ 11،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.