ކުރަންޖެހޭ މަސައްކަތްތަކަށް ވަޤުތުދެމުންވެސް ވަރަށް ފަސޭހައިން އެންމެގިނަ ޘަވާބާ ދަރުމަ ހޯދުމުގެ އެފުރުޞަތުވެސް އޮތީ ވަރަށް ތަނަވަސްކޮށް! އޮތީ ލިބިގަންނަން ކެރުނުވަރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ކުރަންޖެހޭ މަސައްކަތްތަކަށް ވަޤުތުދެމުންވެސް
ވަރަށް ފަސޭހައިން އެންމެގިނަ ޘަވާބާ ދަރުމަ ހޯދުމުގެ އެފުރުޞަތުވެސް އޮތީ ވަރަށް
ތަނަވަސްކޮށް! އޮތީ ލިބިގަންނަން ކެރުނުވަރެއް!

 

އަހުރެން މިދައްކަނީ ވަޤުތުތައް ބޭކާރުކުރާ މީހުންގެ ވާހަކައެއް ނޫނެވެ. ވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފަން މަސައްކަތްކުރާ ގިނަ ބައަކަށްވެސް އޮންނަނީ އަޅުކަންކުރާނެ ވަޤުތު މަދުވެފައެވެ. ސަބަބުތަކުގެ ތެރޭގައި ދިރިއުޅެންޖެހިފައިވާ ޙާލަތު ހިމެނެއެވެ.  

ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދުތައް އިންތިހާއަށް ބޮޑުވެއްޖެއެވެ. އަވަދިނެތި ބުރަކޮށް މަސައްކަތްކުރިވަރަކުން ނޫނީ ދިރިއުޅެވޭކަށް ނެތެވެ. ވީމާ ޙަލާލް ގޮތުގައި ދިރިއުޅެވެން އޮތީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެންނެވެ.  

އެހެންކަމުން ގިނަ ބައަކަށް އޮންނަނީ އަޅުކަންކުރާނެ ވަޤުތު މަދުވެފައެވެ. ނުވަތަ ނުލިބިފައެވެ. ނުވަތަ ނުހޯދިފައެވެ. އެހެންކަމާއިއެކުވެސް އަޅުކަން ނުކުރާނަމަ ސުވަރުގެ ވަދެވޭނެ ގޮތެއްވެސް ނެތެވެ. ވީމާ ފަސޭހައިން ގިނަ ޘަވާބު ލިބިގަނެވެންހުރި ކަންކަން ދަސްކޮށް ޢަމަލުކުރަން އެބަޖެހެއެވެ.  

ﷲ ތަޢާލާ ވަޙީކުރެއްވެވިއެވެ:  

" ފަހެ، ތިއަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ކާފިރު ނުވާށެވެ!" (ބަޤަރާ: 152) 

ވީމާ އަހަރެމެން ވާންޖެހޭނީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާ، ﷲ ތަޢާލާއަށް ޝުކުރުކުރާ އަދި ﷲ ތަޢާލާއަށް ކާފިރު ނުވާނެ ބައަކަށެވެ. އެއިރުން ﷲ ތަޢާލާ އަހަރެމެންގެ މަތިން ހަނދުމަކުރައްވަވާނެތެވެ. އަދި ޝުކުރު ކުރާ އަޅުންނަށް ނިޢްމަތްތައް އިތުރުކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ!  

ﷲ އާއިމެދު ވިސްނައިލުމަށް މުސައްލަމަތީގައި ނުވަތަ އެނޫންވެސް ތަނެއްގައި ހިނދުކޮޅަކު މަޑުކޮށްލުމަކީވެސް މަތިވެރި އަޅުކަމެކެވެ. އެހެނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. އަދި މިހިރީ އެއްވެސް ތަކްލީފަކާއި ނުލައި ޘަވާބު ހޯދެންހުރި ލުއިފަސޭހަ މަގުތަކެވެ.  

މުސައްލަމަތީގައި ނުވަތަ މިސްކިތުގައި އިންނައިރު ޛިކްރް ކުރުމާއި ދުޢާ ކުރުމާއި ކީރިތި ޤުރްއާން ކިޔެވުން ފަދަ އަޅުކަމުގައި ވަގުތު ހޭދަކުރުމަކީ ކުރަންޖެހޭ ކަމެކެވެ. އެއިގެ އިތުރުން ދުނިޔަވީ ކަންކަން ހިތުތެރެއިން ނެރެލައި ހަމައެކަނި ﷲ ތަޢާލާ އާއިމެދު ވިސްނައިލަން ކިތަންމެ ކުޑަ ނަމަވެސް ވަގުތުކޮޅެއް ހޭދަކުރާށެވެ! ﷲ ތަޢާލާގެ ކުޅަދުންވަންތަކާއި ދީލަތިވަންތަކަމާއިމެދުގައެވެ. ތިމާއަށް މިންވަރު ކުރައްވަވާފައިވާ ނިޢްމަތްތަކާއިމެދުގައެވެ. 

މިއީ ކޮންމެހެން މިސްކިތުގައި ނުވަތަ މުސައްލަމަތީގައި ނުއިނދެވެސް ކުރެވިދާނެކަމެކެވެ. އެކަނިވުމަށް ފުރުޞަތު ލިބޭ ކޮންމެ ހިނދެއްގައި ކޮންމެ ތަނެއްގައިވެސް ކުރެވިދާނެ ކަމެކެވެ. ކީރިތި ޤުރްއާނުގެ އެންމެ އާޔަތަކާއިމެދު ވިސްނައިލުމަކީ ވެސް އަޅުކަމެކެވެ. ކިތަންމެ ކުރު އާޔަތެއް ކިޔަވައިލުމަކީވެސް ޛިކުރުކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން