ޢާއިޝަތު ރަފާޙް ޢަލީ
ފިރިއެއްގެ ޙައިޘިއްޔަތުން އަހަރެން އަނބިމީހާ ގާތަށް ގޮސް، ކިޔަމަންވާންޖެހޭނޭ، މިވެނި ކަމެއް ކުރަންޖެހޭނޭ، އެވެނި ކަމެއް ކުރަންޖެހޭނޭ ބުނެ، އަހަރެން އަނބިމީހާއަށް ކޮށްދޭންޖެހޭ ކަންކަމަށް އިހުމާލުވެއެވެ. ވަރި ގިނަވެ، ގިނަ މައްސަލަތައް ކުރިމަތިވާ ސަބަބަކީ މިއީއެވެ. އަންހެނެއްގެ އަސާސީ ޙައްޤަކީ ގޭގެ ރާނީއަށް ވުމެވެ.
އަހަރެމެންނަށް އަބަދުވެސް ސަމާލުކަން ދެވެނީ އަމިއްލައަށް އެންމެ މުހިންމުވާ ކަންކަމަށެވެ. މިއީ ކައިވެނީގައި ހަމަހަމަކަން ގެއްލެން މެދުވެރިވާ ސަބަބެކެވެ. އަހަރެން އަބަދުވެސް އަމިއްލަ ޙައްޤުތަކަށް އިސްކަންދީ، އަދާކުރަންޖެހޭ ވާޖިބުތައް ދޫކޮށްލައެވެ.
ގިނަ ވަރިތަކާއި ގިނަ މައްސަލަތައް ކުރިމަތިވާ ސަބަބަކީ މިއީއެވެ. ގިނަ އަންހެނުން ފިރިންނާމެދު ޝަކުވާކުރަނީ އެކަނބަލުންނަށް ލިބެންޖެހޭ ޙައްޤުތައް ނުލިބޭތީއެވެ. ނަބިއްޔާ ﷺ ވަނީ އަހަރެމެން ކުރަންވީ ކަންކަމާއި، ނުކުރަންވީ ކަންކަން ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ.
އަދި އެކަލޭގެފާނަކީ އަހަރެމެންގެ ނަމޫނާއެވެ. އެހެންކަމުން، ނަބިއްޔާ ﷺ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާމެދު ކަންތައް ކުރެއްވި ގޮތް ބަލައި، އެކަލޭގެފާނުގެ ފިޔަވަޅުފުޅުމަތިން ހިނގާ ކޮންމެ އިންސާފުވެރި އިންސާނަކީ ސަލާމަތްކަން ލިބިގެންވާ މީހެކެވެ.
ފިރިއެއްގެ މައްޗަށް އަނބިމީހާއަށް ލިބިގެންވާ ޙައްޤުތަކަކީ ކޮބައިހެއްޔެވެ؟ އަސާސީ ޙައްޤުތައް، ނުވަތަ އެންމެ ކުޑަމިނުން އަދާކުރަންޖެހޭ ކަންކަމަކީ ކާބޯތަކެތި ދިނުމާއި، އަންނައުނު ހޯދައިދިނުމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ދީނީ ވާޖިބުތަކަށް ސަމާލުކަންދީ، އަނބިމީހާއަށް ގެއްލުމެއް ލިބިދާނެ ކޮންމެ ކަމަކުން ރައްކާތެރިކޮށް ހިމާޔަތްކުރުމެވެ.
މީގެ މާނައަކީ، ގިނަ އަޚުން ކުރާ ފަދައިން، އަނބިމީހާ ލައްވައި މަޖުބޫރުން މަސައްކަތް ކުރުވައިގެން ނުވާނެއެވެ. މިއީ އަހަރެން އަމިއްލައަށްވެސް ދެކެފައިވާ ކަމެކެވެ. ފިރިމީހާ ގޭގައި ޕްލޭސްޓޭޝަން ނުވަތަ އެކްސްބޮކްސް ކުޅެން އިނދެ، ސަރުކާރަކުން ދޭ އެހީގެ ފައިސާއިން ދިރިއުޅެއެވެ.
އަނބިމީހާ ލައްވައި އޭނާގެ ނުރުހުމުގައި ވަޒީފާ އަދާކުރުވައެވެ. އެއީ ފިރިމީހާއަށް ހަރަދުކުރުމަށާއި، ގޭގެ ކުއްޔާއި، ކުދިންގެ ސުކޫލު ފީއާއި، ގޭތެރޭގެ ޚަރަދުތައް ބެލެހެއްޓުމަށެވެ. އަނބިމީހާ ލައްވައި އޭނާގެ ނުރުހުމުގައި ވަޒީފާ އަދާކުރުވުމަކީ އިސްލާމްދީނާ މުޅިން ޚިލާފު ކަމެކެވެ. އަދި ދީނަށް އުޅޭކަމަށް ދައުވާކުރާ މީހެއްގެ ފަރާތުން މިފަދަ ކަމެއް ފެނުމަކީ މުސްލިމުންނަށާއި، އިސްލާމްދީނަށާއި، އަހަރެމެން ގަބޫލުކުރާ އެންމެހައި ކަންކަމަށް ކުރެވޭ އިހާނެތިކަމެކެވެ.
އަންހެނެއްގެ އަސާސީ ޙައްޤަކީ ގޭގެ ރާނީއަށް ވުމެވެ. އަނބިމީހާއަކީ ޚިދުމަތް ލިބެންޖެހޭ، ފައިސާއާއި ރައްކާތެރިކަން ދެވޭ މީހާއެވެ. އަދި އަނބިމީހާއަށް ނަފަޤާ ދިނުމަށްޓަކައި ގަދައަޅައި މަސައްކަތްކޮށް، އާމްދަނީ ހޯދުމަކީ ފިރިމީހާގެ ވާޖިބެކެވެ. އިސްލާމްދީނުގައިވެސް ގޭތެރޭގައި އަނބިމީހާ އެކަނިވެރިކޮށްފައި ނުބެހެއްޓުމަށް އަންގަވާފައިވެއެވެ.
އަސާސީ ޙައްޤުތަކުގެ ތެރެއިން، މިއީ އެންމެ މަތީ ދަރަޖައިގެ ކަންކަމުގެ ވާހަކައެއް ނޫނެވެ. މިއީ އެންމެ ކުޑަމިނުން އަދާކުރަންޖެހޭ ކަންކަމުގެ ވާހަކައެވެ. ފިރިމީހާ އަނބިމީހާގެ ގައިގައި ޖަހައި، އަނިޔާކޮށްގެން ނުވާނެއެވެ. އެއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި އިހާނެތިކޮށް ހިތުމާއި، "ތިޔައީ ރާމާމަކުނު ފަދަ ހުތުރު މޫނެކޭ" ފަދަ ބަސްތައް ބުނުންވެސް ހުއްދައެއް ނޫނެވެ.
ގިނަ މީހުން ބުނާ ފަދައިން، މިއީ އިސްލާމްދީނުގައި މުޅިން ޙަރާމް ކުރައްވާފައިވާ ކަންކަމެވެ. ނަމަވެސް މީހުން މިކަންކަމަށް ސަމާލުކަމެއް ނުދެއެވެ. އަނބިމީހާގެ ސިފައަށް މަލާމާތްކޮށް އަބަދު ހިތުގައި ޖައްސައެވެ. "ބަލާބަލަ ތިޔަ ހުރި ފަލަކަމެއް، ބަލާބަލަ ތިޔަ ހުރި ހުތުރުކަމެއް، ތިޔައީ ސާފުތާހިރުކަމެއް ނެތް މީހެކޭ" ކިޔައެވެ.
މިއީ ނަބިއްޔާ ﷺ ގެ އިރުޝާދުފުޅުތަކާ މުޅިން ޚިލާފު ކަންކަމެވެ. އެކަލޭގެފާނު ވަނީ މިފަދަ ކަންކަން ނުކުރުމަށް އަންގަވާފައެވެ.
އެހެންކަމުން އަހަރެން އަނބިމީހާއާ މައްސަލައެއް ޖެހި، ޚިޔާލު ތަފާތުވުމެއް ހިނގައި، އަނބިމީހާ ދޭ ރައްދާއި، ދައްކާ ވާހަކައާއި، ޝަކުވާތައް ކަމުނުގޮސްގެން، މުޅި ހަފްތާއަކަށް ގެއިން ނުކުމެގެން ދިއުމަކީ މުޅިން ޙަރާމް ކުރައްވާފައިވާ ކަމެކެވެ. ގެޔަކީ ބޭނުން ގަޑިއެއްގައި އައިސް ވަންނަ ހޮޓަލެއް ނޫނެވެ. މިއީ ތިބާގެ ގެޔެވެ. މިއީ ތިބާގެ އާއިލާއެވެ. ކަމުނުދިޔަސް، އައިސް ގޭގައި އިނުން ތިބާއަށް ވާޖިބުވެގެންވެއެވެ.
ފިރިހެނެއް ފަދައިން އުޅެ، ވާހަކަދައްކައިގެން މައްސަލަތައް ޙައްލުކުރާށެވެ. އެހެންކަމުން މިއީ އަސާސީ ޙައްޤުތަކެވެ. އޭގެ މައްޗަށް އިތުރުކުރަމުން ގޮސް، އޯގާތެރިކަމާއި، ދީލަތިކަމާއި، ހިތްވަރާއި، މިފަދަ ރީތި ސިފަތައް އިތުރުކުރެވިދާނެއެވެ. މިއީ ރަނގަޅު ކައިވެންޏެއް ބިނާކުރަން އެދޭނަމަ މުސްލިމުން ދިރިއުޅުމުގައި ތަންފީޒުކުރަންޖެހޭ ކަންކަމެވެ.
- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން
- މިއަދުނޫސް