ޑޮކްޓަރުން ނެރުނު ދިރާސާ ރިޕޯޓުގައިވަނީ، ބަނޑުފުރެންދެން ނުކައި، ބެލެންސްވާވަރަށް ފެން ބޮއި، ބަނގުރަލާ ސަރުބީ ހުންނަމަސް ބޭނުންނުނުކުރުމާއި ޑްރަގު ބޭނުން ނުކުރުމަކީ ނޭވާލާ ނިޒާމަށް ޖެހޭ މައްސަލަތައް މަދުވެ ގިނަ ދުވަހު ދުނިޔޭގައި ހުރުމަށް މަގުފަހިވާ ކަމެއް ކަމަށެވެ. އަދި ދިރާސާކުރަން ބޭނުންކުރި މީހުންގެ 80 އިންސައްތައިން އެނގުނީ 15 ވަރަކަށް އަހަރު ޢުމުރުދިގުވާކަން ކަމަށެވެ.
ޑޮކްޓަރުން ފުރަތަމަ އެބުނަނީ ކެއުންބުއިމުގައި ޢަމަލުކުރަން ސުންނަތުން ފެންނަން އޮތް ގޮތެވެ. ދެން އެބުނާ ސަރުބީ އެންމެ ގިނަ އެއްބާވަތަކީ އޫރުމަހެވެ. އޫރުމަހާއި ބަނގުރަލާއި އޫރުމަސް އިސްލާމް ދީނުގައިވަނީ ޙަރާމް ކުރައްވަވައިފައެވެ.
މިދިރާސާގައި ހިމްނާފައި ނުވަނީ ގިނަ ބައަކަށް ބޮޑެތި ބަލިތައް ޖެހެން މެދުވެރިވެ ޢުމުރުކުރުވެގެންދާ ދުންފަތުގެ އިސްތިޢުމާލުކުރުމާއި ފާޙިޝް ޢަމަލުތައްކުރުމުގެ ވާހަކައެވެ. އެބައިތައް ހިމަނާފައިވީނަމަ ދިރާސާ އިތުރަށް ފުރިހަމަވެގެންޑާނެއެވެ. ޢުމުރަކީ އެނގޭނެ އެއްޗެއް ނޫނެވެ. ނަމަވެސް މިހުރީ ހޯދުންތަކުން އެނގޭ ކަންކަމެވެ.
ލޮބުވެތި އެކުވެރިންނޭވެ! ދިރާސާކޮށް ހޯދިވަރަކަށް އެނގެމުންދާނީ އިސްލާމްދީނުގެ މަތިވެރިކަމެވެ. އިސްލާމްދީނުގައި ނަހީކުރައްވަވާފައިވާ ކޮންމެކަމެއްވެސް ނަހީކުރައްވަވާފައިވަނީ މީސްތަކުންނަށް ފައިދާއަކަށް ކަމެވެ. މުސްލިމުންނަށް އޮތީ ފިލާވަޅު ލިބިގަނެ ދީނުގައި ޘާބިތުވެ ތިބުމަށް ގަދައަޅައި މަސައްކަތްކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން