ދެވަނަ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯސް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 14ސ
ދެވަނަ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯސް ނިންމާލައިފި

މަސްވެރިކަމާއި، ދަނޑުވެރިކަމާއި އަދި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ހިންގާ މެރިން ހެޗަރީ ސްކިލްސް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން 2026 ވަނަ އަހަރުގެ ދެވަނަ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯސް ނިންމާލައިފިއެވެ.

ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯހުގެ ނިންމުމުގެ ރަސްމިޔާތު ޝަރަފުވެރި ކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަލްފާޟިލް އަހުމަދު ޝިޔާމެވެ.

ކ. މަނިޔަފުށީ، ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި އޮގަސްޓް 08 އިން 19 އަށް ކުރިއަށްގެންދިޔަ މި ކޯހުގައި ރާއްޖޭގެ އެކި އަތޮޅުތަކުން 9 ބައިވެރިން ބައިވެރިވިއެވެ. މި ތަމްރީން ޕްރޮގްރާމްގެ ދަށުން ތިންވަނަ ކޯސް އާންމުންނަށް ހުޅުވައިލައިގެން މި އަހަރުގެ އޮކްޓޯބަރ ގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މި ތަމްރީން ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ޙަރަކާތްތަކުގެ ތެރެއިން ފެށިގެން ކުރިއަށްގެންދެވޭ، ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމެކެވެ. ރާއްޖޭގައި މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އވަރަށް ހާއްސަ އިސްކަމެއް ދެއްވާ ދާއިރާއެކެވެ. އަދި މި ދާއިރާ ތަރައްގީ ކުރުމަށް މި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ.

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަޤުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރގެ (މެރިކަލްޗަރގެ) ސިނާއަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމެވެ.

ވަރލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ އެހީތެރިކަމާއިއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ހިންގާ މި ކޯހުގެ ދަށުން ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތައާރަފުކޮށް ތަރައްޤީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން ބިނާކުރެވޭނެއެވެ. މިގޮތުން، އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް، އިތާމުތް އަދި ސީވީޑް އާލާކުރުމާއި، އާލާ ކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި، މެރިކަލްޗަރ މަސައްކަތްތައް ކުރުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ފޯރުކޮށްދެވޭނެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން