ޒުވާނުން ޝައުގުވެރިވާގޮތަށް ޑިޖިޓަލް ގޮތްތައް މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަކީ ނުހަނު މުހިންމުކަމެއް ކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ "ޕަލްސް، އާބާދީގެ ވިންދު 2045 އެގްޒިބިޝަން" ހުޅުއްވައިދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ވަޒީރު ވިދާޅުވީ، ޒަމާނީ ގޮތަކަށް އާބާދީއާއި ގުޅުން ހުރި މަޢުލޫމާތުތައް ލިބިގެންދާ މި އެގްޒިބިޝަނަކީ ޒުވާނުންނަށް ވަރަށް ބޮޑަށް ޝައުގުވެރިވާނެ އެގްޒިބިޝަނަކަށް ވާނެކަމަށެވެ. އަދި މި އެގްޒިބިޝަނުން ގިނަ ބަޔަކު ދެކޭގޮތް ހާމަކުރުމުގެ ފުރުޞަތު ފަހިވެފައިވުމާއެކު، ވީހާވެސް ގިނަ ބަޔަކު މި އެގްޒިބިޝަންގައި ބައިވެރިވުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
ޕަލްސް އެގްޒިބިޝަނަކީ އާބާދީއާއި އިޖުތިމާޢީގޮތުން އަންނާނެ ބަދަލުތަކާއެކު 2045 އަށް ރާއްޖޭގެ މިސްރާބު ހުރި ގޮތުގެ މަޢުލޫމާތުތައް ޑިޖިޓަލްކޮށް ދައްކުވައިދޭ އެގްޒިބިޝަނެކެވެ. މިކަމާ ގުޅޭގޮތުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ގައުމުގެ ކަންކަމާއި ގުޅުން ހުރި މަޢުލޫމާތުތައް އެނގުމާއި ކަންކަމާއި މެދު ޚިޔާލު ހުށަހެޅުމުގައި ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުރަންޖެހެއެވެ. އަދި އެ ދާއިރާތަކުން ޒުވާނުންގެ ހިއްސާ އިތުރުކުރެވޭނީ ޒުވާނުންނާއި ގުޅުންހުރި ގޮތަކަށް މަޢުލޫމާތުތައް ޙިއްސާކޮށްދެވިގެން ކަމަށްވެސް ވިދާޅުވިއެވެ.
މި އެގްޒިބިޝަނާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "މިއީ ޒުވާނުންނަށް ވަރަށް މަޤްބޫލު އެގްޒިބިޝަނަކަށް ވާނެ. ޒުވާނުންވެސް މިފަދަ ޑިޖިޓަލް ޕްލެޓްފޯމެއްގެ ބޭނުން ހިފުން މުހިންމު،" ކަމަށެވެ.