އައްޑޫގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމުކުރުމާމެދު ވަކި ގޮތެއް ނުނިންމާ: ފޮރިން މިނިސްޓްރީ

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
އައްޑޫގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމުކުރުމާމެދު ވަކި ގޮތެއް ނުނިންމާ: ފޮރިން މިނިސްޓްރީ

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވުޒާރާއިން މިހެން ވިދާޅުވީ އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސުލޭޓެއް އަދި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމުކުރަން ނިންމާފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުގައާއި މީސްމީޑިއާގައި ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ. އެ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި އެ ފަދައިން ޝާއިއުކުރަމުންދާ ޚަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ސައްހަނޫން މައުލޫމާތުތަކެކެވެ.

މީގެ އިތުރުން، ވެރިރަށް މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި ބޭރު ޤައުމެއްގެ ކޮންސުލޭޓެއް ޤާއިމުކުރުމާމެދު ދިވެހި ސަރުކާރުން މިހާތަނަކަށް ވަކި ގޮތެއް ނިންމާފައި ނުވާނެ ކަމަށްވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޚާރިޖީ ވުޒާރާއިން އިތުރަށް ވިދާޅުވީ، އެފަދަ ކަމަކީ ކަމާބެހޭ ހުރިހާ ފަރާތްތަކެއް ހިމެނޭހެން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެން ނޫނީ ނިންމޭނެ ކަމެއް ނޫން ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.

މިއަދު އޮންލައިން