އެހީދޭ ފަރާތްތައް ހިމާޔަތްކުރުމުގައި ދުނިޔެ ވަނީ ނުކުޅެދިފައި: ރައީސް މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
އެހީދޭ ފަރާތްތައް ހިމާޔަތްކުރުމުގައި ދުނިޔެ ވަނީ ނުކުޅެދިފައި: ރައީސް މުޢިއްޒު

އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ހިމާޔަތްކުރުމުގައި ދުނިޔެ ވަނީ ނުކުޅެދިފައި ކަމަށާއި، އެކަން އެންމެ ބޮޑަށް ފެންނަމުންދަނީ ފަލަސްތީނުގެ ޣައްޒާއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދުނިޔޭގެ އިންސާނީ އެހީތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައެވެ. ރައީސްގެ މެސެޖުގައި އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ މަތިވެރި މަސައްކަތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދެމިތިއްބެވި ހުރިހާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާ، ރާއްޖެއާއި ދިވެހި ރައްޔިތުން ތިބީ އެ ފަރާތްތަކާއެކުގައި ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ އަމިއްލަ ނުރައްކަލަށް ބެލުމެއް ނެތި އިންސާނިއްޔަތު އިސްކޮށްގެން ކަންވެސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެކި ހަމަނުޖެހުންތަކާއި މޫސުމީ ކާރިސާތަކާ ގުޅިގެން ގެދޮރާއި ވަޒަން ދޫކޮށް ދާންޖެހޭ މީހުންނާއި، ހަނގުރާމަތަކުގެ ސަބަބުން ބަނޑުހައިހޫނުކަމާއި ދަތިހާލުގައި އުޅެންޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން މުޅި ދުނިޔޭގައި އިންސާނީ އެހީތެރިކަމަށް ބޭނުންވާ މިންވަރު އެތައް ގުނައަކަށް ބޮޑުވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ހައްގުތަކާއި އެފަރާތްތަކުގެ ހިމާޔަތަށް ގޮވާލުމުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މިއަދު އޮންލައިން