މިއަހަރުގެ 2 ވަނަ ކުއާޓަރުގައި ވީއައިއޭއިން 1.62 މިލިޔަން ފަސިންޖަރުން ޚިދުމަތް ހޯދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
މިއަހަރުގެ 2 ވަނަ ކުއާޓަރުގައި ވީއައިއޭއިން 1.62 މިލިޔަން ފަސިންޖަރުން ޚިދުމަތް ހޯދައިފި

މިއަހަރުގެ ދެވަނަ ކުއާޓަރުގައި 1.62 މިލިޔަން ފަސިންޖަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޚިދުމަތް ހޯދާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީގެތެރޭގައި ބައިނަލްއަޤްވާމީ ދަތުރުތަކާއި އެތެރޭގެ އުދުހުންތަކުގެ އިތުރުން ސީޕްލޭންގެ ޚިދުމަތް ހޯދި ފަސިންޖަރުން ހިމެނެއެވެ.

ވީއައިއޭ ހިންގާ ކުންފުނި އެމްއޭސީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މި މުއްދަތުގެ ތެރޭގައި ބައިނަލްއަޤްވާމީ ގޮތުން 1.04 މިލިޔަން ފަސިންޖަރުން އެއާޕޯޓް ބޭނުންކޮށްފައިވެއެވެ. އަދި އެތެރޭގެ އުދުހުންތަކުގައި 242،104 ފަސިންޖަރުން ޚިދުމަތް ހޯދިއިރު، ސީޕްލޭންގެ ޚިދުމަތް ބޭނުންކޮށްފައިވަނީ 341،792 ފަސިންޖަރުންނެވެ.

އެއަރލައިންތަކުން ވީއައިއޭއަށް އެންމެ ގިނައިން ފަސިންޖަރުން އައިސްފައިވަނީ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 18،924 ފަސިންޖަރުން ވަނީ އައިސްފައެވެ. އަދި ސީޕްލޭން މެދުވެރިކޮށް އެންމެ ގިނައިން ފަސިންޖަރުން އައިސްފައިވަނީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދުވަހު ސީޕްލޭން މެދުވެރިކޮށް 5،707 ފަސިންޖަރުން އައިސްފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.

ދެވަނަ ކުއާޓަރުގެ އެއަރ ޓްރެފިކް މޫވްމަންޓްސްއަށް ބަލާއިރު، ބައިނަލްއަޤްވާމީ އެއަރ ޓްރެފިކް މޫވްމަންޓް ވަނީ 6،714 އަށް އަރާފައެވެ. މީގެ އިތުރުން ޑޮމެސްޓިކް އެއަރ ޓްރެފިކް މޫވްމަންޓްސް 5،957 ގައި އުޅޭއިރު، ސީޕްލޭން އެއަރ ޓްރެފިކް މޫވްމަންޓްސްގެ ގޮތުގައި 36،295 ރެކޯޑު ކުރެވިފައިވާ ކަމަށް އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.

މިއަދު އޮންލައިން