އެމްއައިބީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
އެމްއައިބީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑައިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލައިފިއެވެ.

މި މަޤާމަށް ހޮވޭ ފަރާތަކީ ބޭންކުގެ ހިއްސާދާރަކަށް ވާންޖެހޭނެ ކަމަށް އެމްއައިބީން ބުނެފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ބޭންކިންގ ޤާނޫނާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޤަވާއިދުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ އުސޫލުތަކުގެ އިތުރުން ބޭންކުގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެއެވެ. މީގެއިތުރުން މި މަޤާމަށް އައްޔަންކުރާ ފަރާތަކީ އުމުރުން 30 އަހަރާއި 70 އަހަރާ ދެމެދުގެ މީހަކަށް ވާންޖެހެއެވެ.

ކުރިމަތިލާ ފަރާތްތަކުގެ ތައުލީމީ ޤާބިލުކަމަށް ބަލާއިރު، ބޭންކިންގ، ފައިނޭންސް، އެކައުންޓިންގ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މާސްޓަރޒް ޑިގްރީ އޮތުން، ނުވަތަ މި ދާއިރާތަކުން ސްޕެޝަލައިޒްވެފައިވާ އެމްބީއޭއެއް ނުވަތަ ބެޗްލަރސް ޑިގްރީއެއް އޮތުން ހިމެނެއެވެ. އަދި ޗާޓަރޑް އެކައުންޓިންގ ބޮޑީއެއްގެ ފުލް ނުވަތަ އެސޯސިއޭޓް މެމްބަރަކަށް ވުންވެސް ތައުލީމީ ޝަރުތުގެ ތެރޭގައި ހިމެނެއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ބޭންކިންގް އަދި މާލީ ދާއިރާގެ އެކަށީގެންވާ މަޢުލޫމާތު ހުރި، އަޚުލާގީ ގޮތުންނާއި ނަޒާހާތްތެރިކަމުގެ އެންމެ މަތީ މިންގަނޑުތައް ހިފަހައްޓާ އަދި ހިއްސާދާރުންގެ ދިގު މުއްދަތުގެ މަޞްލަޙަތު ތަމްސީލުކުރެވޭނެ ފަރާތްތަކަކަށް ވާންޖެހެއެވެ.

މި މަޤާމަށް ކުރިމަތިލާން އެދޭ އާންމު ހިއްސާދާރުން، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ ލިޔެކިޔުންތައް، މިމަހުގެ 31 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން އެމްއައިބީގެ ހެޑް އޮފީހުގެ 5 ވަނަ ފަންގިފިލާއަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެމްއައިބީން އެދެއެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމު އެމްއައިބީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިއަދު އޮންލައިން