އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ފަޟީލަތުއްޝައިޚު ޑރ. ޢަބްދުއްލަތީފު ބުން ޢަބްދުލްޢަޒީޒު އާލުއްޝައިޚާއި ބައްދަލުކުރައްވައިފިއެވެ.
ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ޝައިޚް ޑރ. ޢަބްދުލްލަޠީފް އާލްޝައިޚްގެ ދަޢުވަތަކަށް ސަޢުދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ދިވެހިރާއްޖެއާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި އިސްލާމީ ދާއިރާއިން ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއިން، އިސްލާމީކަންތައްކާއި އައުޤާފާ ބެހޭ ވުޒާރާއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި، އިސްލާމްދީން ފެތުރުއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ވަޒީރު ވަނީ ޝައިޚް ޑރ. ޢަބްދުލްލަޠީފް ޢާލްޝައިޙަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގައި ސަރަޙައްދީ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތެއް ބޭއްވުމާއި ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ދެ ޤައުމުގެ ވުޒާރާ ގުޅިގެން ކުރިއަށް އޮތްތަނުގައި ކުރެވިދާނެ މުހިއްމު މަސައްކަތްތަކާއި ގުޅޭ ގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި ކިންގު ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައު ބައިވެރިވެލެއްވުމަށް ވަނީ ހަމަޖެހިފައެވެ.