އަހުރެމެންގެ ކައިވްނެޏަށް 2 އަހަރެވެ. ބަނޑަށް ނުވަމަހެވެ. ވިހެއުމުގެ ވަޤުތު ޖެހިއްޖެކަމުގެ ޢަލާމާތްތައް ދިއައީ ފެންނަމުންނެވެ. ލިބެން އުޅޭދަރިފުޅު އަވަހަށް ފެނުމަށް ހުރެވުނީ ކެތްމަދުވެފައެވެ. ހަށިގަނޑުގައި އަޅާ ވޭންތަކަށް ކެތްކުރެވޭ ސަބަބަކީވެސް އެއީއެވެ.
އެރޭގެ އިރާކޮޅުންސުރެ ބަނޑުގައި ރިއްސައެވެ. ނަމަވެސް ކެތްތެރިވާން މަސައްކަތްކުރީމެވެ. ފިރިމީހާއަކަށް ނުގުޅަމެވެ. އަންނާނެ ވަޤުތަކަށް އިންތިޒާރުކުރީއެވެ. އިންތިޒާރުގައި ސިޓިންރޫމްގެ ސޯފާގައި އޮއްވާ ހޭލެވުނީ ދޮރުހުޅުވި އަޑަށެވެ. ބަލައިލުމުން ފެނުނީ ބޮޑު ހަންޖަރެކެވެ. އަމާޒުވެފައިހުރީ އަހުރެންގެ މެއަށެވެ. މިބުނީ ޒުވާން އަންހެންކުއްޖަކު ގޮވައިގެން ގެއަށް އައި ވާހަކައެވެ.
ވޭން އަޅާތީ ބަހެއް ބުނެވޭ ވަރެއް ނޫނެވެ. ކެތްތެރިވެލައިގެން އޮއްވައި އައިސް ގާތުގައި ހުއްޓިފައި ބުނީ ވަރިކޮށްފިން ކަމަށާއި މައިންބަފައިންގެ ގާތަށް ދިއުމަށެވެ. ވިހެއުމުގެ ޚަރަދާއި އެހެން ޚަރަދުތައްވެސް ކުރާނެ ކަމަށެވެ.
ސޯފާއިން ތެދުވީމެވެ. އެއްޗެތި ނަގަން ކޮޓަރިއަށް ދިއުމުގެ ބަދަލުގައި ހުރިގޮތަށް ގެއިން ނުކުތީއެވެ. ނުކުމެ ހިނގައިގަތީމެވެ. ވަކިދިމާއަށް ނޫނެވެ. މަގުން ކުރިމަތިލެވުނު ދިމާއަށެވެ. ތަންކޮޅަކަށް ދެވުނު ތަނާ ކާރެއް އައިސް ކުރިމައްޗަށް މަޑުކުރިއެވެ. އެއީން މީހަކު ފޭބިކަން އެނގުނެވެ. ދެން ވީގޮތެއް ނުއެނގުނެވެ.
ހޭވެރިކަންވީ ހޮސްޕިޓަލުގައި އޮއްވައެވެ. އެއިރުން މަންމައާއި ބައްޕައާއި ދޮންތަގެ ދެމަފިރިން އައިސް ތިއްބެވެ. އެމީހުންނާއިއެކު ފިރިހެނަކުވެސް ހުއްޓެވެ. އެއީ ދަންނަ މީހެއް ނޫނެވެ. އެނގުނީ ދޮންތަ ބުނުމުންނެވެ. އެއީ އަހުރެން ހޮސްޕިޓަލަށް ގެންދިއަ މީހާއެވެ.
އިރުކޮޅަކުން ބައަކު އައިސް ވިއްސާ ކޮޓަރިއަށް ގެންދިއައެވެ. އިރުކޮލަކުން ވީގޮތެއް ނުއެނގުނެވެ. ހޭވެރިކަންވީ ކޮޓަރީގައި އޮއްވައެވެ. ސިޒޭރިއަން ހެދިކަން އެނގުނީ ބުނީމައެވެ. ދެކެން ބޭނުންވި ދަރިފުޅު ގެނެސް ދައްކާލާފައި ގެންދިއައީއެވެ. ދަރިފުޅު ފެނުމުން ލިބުނު އުފާވެރިކަން ބުނެދޭކަށްވެސް ނުއެނގެއެވެ.
ގެއަށް ފޮނުވީ 5 ދުވަސްފަހުންނެވެ. ފިރިމީހާއެއް ނުދެކެމެވެ. ދަރިފުޅު ދެކެން އައިކަމެއްވެސް ނުއެނގެއެވެ. ދޮންތަގެ ކިބައިން އެނގުނީ ބިލްދައްކައި ހުރިހާ ޚަރަދެއްކުރީ ހޮސްޕިޓަލަށް ގެންގޮސްދިން މީހާ ކަމެވެ. ކޮންމެ ދުވަހަކު ހަވީރު އޭނާ ފެނުނެވެ. އެކަމަކު އެއްވެސް ވާހަކައެއް ނުދައްކައެވެ. ހީނލާފައި ދަނީއެވެ. އަހުރެންވެސް ހީނލަމެވެ.
ގެއަށ ދިއަފަހުން އަހުރެންނަށް ފެންނަނީ ދެމައިންގެ ހުރިހާ ޚަރަދެއް ދޮންތަކުރާތަނެވެ. ސުވާލެއް ނުކުރަމެވެ. އެއީ އަތުގައި އެއްވެސް ފައިސާއެއް ނެތުމުންނެވެ. އެކަމަކު ޚަރަދުކުރާވަރުން އެޚަރަދުކުރަނީ ދޮންތަ ކަމާއިމެދު ސުވާލު އުފެދެއެވެ. އެއީ އެވަރުގެ ފުދުންތެރިކަމެއް ދޮންތަގެ ކިބައިގައި ހުރިކަން ނުއެނގޭތީއެވެ. އެސުވާލު ހިތުގައި އުފެދެއެވެ. އެކަމަކުވެސް އެއްވެސް ސުވާލެއް ނުކުރަމެވެ.
ދަރިފުޅަށް 3 މަސް ފުރުނު ދުވަހުގެ ރޭ އެމީހާ ގެއަށް އައެވެ. ދެމައިންނަށް ހަދިޔާއެއް ހިފައިގެންނެވެ. ބުނީ 3 މަސްވަންދެން ނުފެނި މިހުރީ ޢިއްދައިގަ އިނީތީ ކަމަށެވެ. ދެން ފެންނާނެ ކަމަށެވެ. ދެމީހުން ވާހަކަދައްކަން ތިއްބައި ދޮންތަ އައިސް ބުންޏެވެ. "ކޮއްކޯއެވެ! ރީތި ހުތުރަށް ނުބަލާށެވެ! މިހެން މިބުނީ މިޒުވާނާ ފަހަރެއްގައި ކޮއްކޮއަށް ރީތިނުވެދާނެތީއެވެ. އެކަމަކު ދޮންތައަށް ވަރަށް ރީއްޗެވެ. އެންމެ ރީތީ އޭނާގެ ހިތެވެ. މަގުމަތިން ކޮއްކޮ ހޮވީންސުރެ ކޮއްކޮގެ ހުރިހާ ޚަރަދެއް އެކުރީ އޭނާއެވެ. އެއިގެ އިތުރުން ގެއަށާއި ދޮނަތައަށްވެސް އެކިވަރުން އެހީތެރިވެއްޖެއެވެ. މިއީ އިންސާނެއްގެ ސިފައިގައި އިންނަމަވެސް ކޮއްކޮއަށްޓަކައި މަލާއިކަތެއް ފަދަ މީހެކެވެ. އަވަހަށް ދެކުދިން ކައިވެނިކުރާށެވެ."
ދޭނެ ޖަވާބަކަށް ވިސްނަން އިނދެލާފައި ބުނީމެވެ. "އަހުރެންގެ ދޮންތަ އަހުރެންނާއިމެދު ނިންމާނީ ރަނގަޅަށެވެ. އަވަހަށް ރަންކިޔުއްވާށެވެ!" އެޖަވާބު ދިނީ އެންމެކުޑަމިނުން އޭނާގެ ނަންވެސް އަހައިނުލައެވެ. އޭނާއާއިމެދު އެއްވެސް ކަމެއް ނުއެނގިހުރެއެވެ.
އަނެއް ދުވަހު ރަންކިޔުއްވައިފިއެވެ. 3 ވަނަ ރޭ ކައިވެނިކުރެވިއްޖެއެވެ. އެއީ 2 ފިހާރަ ހިންގާ ފުދޭވަރެއްގެ ތަނަވަސް މީހަކުކަން އެނގުނީ ކައިވެނިކޮށްގެން އޭނާގެ މައިންބަފައިންގެ ގާތަށް ގެންދިއަފަހުންނެވެ. އެކައިވެންޏަށް މިހާރު 12 އަހަރުވީއެވެ. 3 ދަރިންވެސް ލިބިއްޖެއެވެ. ފިރިމިހާ އާއިމެދު ބުނެލަން އޮތީ އެއީ ހަމަ ދޮންތަ ބުނި ފަދަ "މަލާއިކަތެއް" ފަދަ މީހަކު ކަމަށެވެ. މިބުނީ އެހައިވެސް ރަނގަޅު ވާހަކައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އެންމެ ވާހަކައެކެވެ. އެއީ ދެމަފިރިން ކިތަންމެ ލޯބިން އެކުގައި އުޅުނަސް އެންމެ ލޯބިވާ ފަރާތަކީ މާތް ﷲ ކަމަށް ހަދާށެވެ. އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި އެންމެ ނިކަމެތި ޙާލުގައި ޖެހުމުން އެކަމުން މިވަރުގެ ބޮޑު ނިޢުމަތެއް ލިބުނު ސަބަބަކީ އެއީއެވެ.
- ޙައްވަ / މިއަދުނޫހުގެ ކިޔުންތެރިއެއް