މުދާ އެތެރެކޮށް ބޭރުކުރުން އަވަސް ކުރުމަށް ރާއްޖެ ހިމެނޭހެން ސަރަހައްދީ ހަތަރު ގައުމެއްގެ މެދުގައި އެމްއޯއައި އެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
މުދާ އެތެރެކޮށް ބޭރުކުރުން އަވަސް ކުރުމަށް ރާއްޖެ ހިމެނޭހެން ސަރަހައްދީ ހަތަރު ގައުމެއްގެ މެދުގައި އެމްއޯއައި އެއްގައި ސޮއިކޮށްފި

މުދާ އެތެރެކޮށް ބޭރުކުރުމުގެ ކަންކަން އަވަސްކުރުމަށްޓަކައި، މުދާ ބޯޑަރަށް އައުމުގެ ކުރިން ކަސްޓަމްސްގެ މައުލޫމާތު ދުރާލާ ބަދަލުކުރުމުގެ އައު އޮނިގަނޑެއް ގާއިމުކުރުމަށް ދިވެހިރާއްޖެ ހިމެނޭހެން ސަރަހައްދީ ހަތަރު ގައުމެއްގެ ދެމެދުގައި މެމޮރެންޑަމް އޮފް އިންޓެންޓް (އެމްއޯއައި) އެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިވެހިރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލްގެ މެދުގައެވެ. މިއީ މުދާ އައުމުގެ ކުރިން މައުލޫމާތު ހިއްސާކުރުމަށް (ޕްރީ-އެރައިވަލް އިންފޮމޭޝަން އެކްސްޗޭންޖް) ވެވުނު މުހިންމު އެއްބަސްވުމެކެވެ.

މި އެމްއޯއައިގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގޮސްފައިވަނީ ސާސެކް ޕްރޮގްރާމްގެ 14 ވަނަ ކަސްޓަމްސް ގްރޫޕް މީޓިންގްގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން ވަނީ ބައިވެރިވެވަޑައިގެން، ސޮއިކުރެއްވުމުގެ ހެކިވެރިއަކަށް ވެވަޑައިގެންފައެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި އިސްނެގުމުގެ ސަބަބުން ސަރަހައްދީ ކަސްޓަމްސްގެ ގުޅުން އިތުރަށް ބަދަހިވެ، ބޯޑަރު ހުރަސްކޮށް މުދާ ދައުރުވުން މިހާރަށްވުރެ ހަރުދަނާ އަދި އަވަސް ވެގެންދާނެއެވެ. އަދި މީގެ އިތުރުން ބޯޑަރުގައި މުދާ ލަސްވުން މަދުވެ، މުދާ ލިބޭނެ ވަގުތު ދުރާލާ ލަފާކުރަން ފަސޭހަވެ، ލޮޖިސްޓިކްސް ޚަރަދުތައް ކުޑަވެގެންދާނެ ކަމަށާއި، ސަޕްލައި ޗެއިންގެ ރައްކާތެރިކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ.

މިއަދު އޮންލައިން