ދައުލަތުގެ ދަރަނިތައް އަދާކުރުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ލިބިއްޖެ: މާލީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދައުލަތުގެ ދަރަނިތައް އަދާކުރުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ލިބިއްޖެ: މާލީ ވަޒީރު

ދައުލަތުގެ ދަރަނިތައް އަދާކުރުމުގެ ސަބަބުން ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މާލީ ވަޒީރު ވަނީ ދަރަނި އަދާކުރުމުގެ ސަބަބުން ލިބެމުންދާ ފައިދާތައް ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ދަރަނިތައް އަދާކުރުމަކީ އަބަދުވެސް ހުރިހާ ސަރުކާރަކުންވެސް ކުރަމުން އައި ކަމެއް ނަމަވެސް، އެންމެ ބޮޑު އަދަދެއްގެ ގޮތުގައި ދެއްކީ މި ސަރުކާރުން ދާދިފަހުން ދެއްކި 500 މިލިޔަން ޑޮލަރުގެ ސުކޫކު ކަމަށެވެ.

މި ދަރަނި އަނބުރާ ދެއްކުމާއި ދައުލަތުން އަދާކުރަން ޖެހޭ ދަރަނީގެ އިލްތިޒާމުތައް އަދާކުރަމުން ދިއުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބިފައިވާ ކަމަށާއި، މިކަން މިހާރު ބައްދަލުވާ އިންވެސްޓަރުންގެ ފަރާތުންވެސް ވަރަށް ބޮޑަށް އެނގިގެންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ "އެ އިންވެސްޓަރ ކޮންފިޑެންސް އިތުރުވެގެން ދިޔަކަން އެނގޭ ސަބަބަކީ އަޅުގަނޑުމެންނާއި މިހާރު ބައްދަލުވާ ގިނަ އިންވެސްޓަރސް ދިވެހިރާއްޖެއާއި މެދު ޕޮޒިޓިވް ވިސްނުމެއް ގެންގުޅުއްވާ ބޮޑެތި އިންވެސްޓްމެންޓްތައް ކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެ ލޯނު އަޅުގަނޑުމެންނަށް އެ ލޯނު ދެއްކުނީމަ އަދި ލޯން ސާވިސިން ކަންތައް ކުރިއަށް ގެންދެވުނީމަ، ކައިރި މުސްތަޤުބަލެއްގެ ތެރޭގައި ބޮޑެތި އިންވެސްޓްމެންޓްތައް އަންނާނެ ކަމުގެ އުއްމީދު، އަޅުގަނޑުމެންގެ އެބައޮތް،" ކަމަށެވެ.

ދަރަނި އަދާކުރުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ބޮޑުވެގެން ދިއުމުގެ އިތުރުން، ރާއްޖޭގެ ކްރެޑިޓް ރޭޓިންވެސް ރަނގަޅުވެފައިވާ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން