އަލްޓްރާ ސައުންޑް ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޖީއީ ހެލްތްކެއަރގެ ޕޯޓަބަލް އަލްޓްރާސައުންޑް "ވީ ސްކޭން" މޮޑެލްތައް އެސްޓީއޯ ހެލްތްކެއަރ އިން ރަސްމީކޮށް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.
މި ޑިވައިސް އަކީ ޖީބަށް ލެވޭ ވަރުގެ ކުޑަ، ފޯނު އަދި ލެޕްޓޮޕްތަކާ ފަސޭހަކަމާއެކު ގުޅާލެވޭ ވަސީލަތެކެވެ. މީގެއިތުރުން، މި ވަސީލަތް މެދުވެރިކޮށް ނަގާ ސްކޭން އިމޭޖްތައް ފަސޭހައިން އެހެން ފަރާތްތަކާ ހިއްސާކުރުމުގެ ފުރުސަތު ވެސް ލިބިގެންދެއެވެ.
މިފަދަ ލުއިފަސޭހަ ޑިވައިސްއެއް ތައާރަފްވުމުގެ ސަބަބުން ކްލިނިކްތަކުން ބޭރުގައި، ހާއްސަކޮށް ރާއްޖޭގެ ކުދި ރަށްރަށުގައި ތިބޭ ބަލިމީހުންނާ ގާތުން އަވަސް ސްކޭން ހިދުމަތް ފޯރުކޮށްދިނުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ރާއްޖޭގައި ޖީއީ ހެލްތްކެއަރގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ އެސްޓީއޯ ކަމަށްވާއިރު، އެ ކުންފުނިން ދަނީ އާފްޓަރ ސޭލްސް ސަރވިސް ފޯރުކޮށްދިނުމަށް ހާއްސަ އިންޖިނިއަރުން ތަމްރީނުކޮށް ހިދުމަތް ދެމުންނެވެ. އެގޮތުން، އެސްޓީއޯގެ ބަޔޯމެޑިކަލް އިންޖިނިއަރުންގެ ޓީމުގައި ސެޓިފައިޑް ދިވެހި އަންހެން އިންޖިނިއަރުން ހިމެނޭކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.