މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ޔަޒްމީދު މުޙައްމަދު އައްޔަންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 59ސ
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ޔަޒްމީދު މުޙައްމަދު އައްޔަންކޮށްފި

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަޤާމަށް، ޔަޒްމީދު މުޙައްމަދު އެ އޮފީހުގެ ބޯޑުން އައްޔަންކޮށްފިއެވެ. ޔަޒްމީދު މި މަޤާމަށް އައްޔަންކޮށްފައިވަނީ 23 އޮގަސްޓު 2026 އިން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ޔަޒްމީދު މުޙައްމަދަކީ ދައުލަތުގެ އެކިއެކި އިދާރާތަކުގައާއި ޕްރައިވެޓް ސެކްޓަރގެ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ގަވަރނަންސް، އޮޑިޓިންގ، އެންޓި-ކޮރަޕްޝަން، އެކައުންޓިންގ، ފައިނޭންސް އަދި ހިންގުމުގެ ދާއިރާއިން އޭނާއަށް ގިނަގުނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވެއެވެ. އޭނާ ކުރިން ފުރުއްވާފައިވާ މުހިންމު މަޤާމުތަކުގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނާއިބު ރައީސް ކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރު ކަމުގެ އިތުރުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓް މެނޭޖަރުކަން ހިމެނެއެވެ.

ތަޢުލީމީ ގޮތުން ބަލާއިރު، ޔަޒްމީދަކީ އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ފުރިހަމަކުރައްވާފައިވާ ސަރޓިފައިޑް ޗާޓަރޑް އެކައުންޓެންޓެކެވެ. މީގެއިތުރުން އޯޕަން ޔުނިވަރސިޓީ މެލޭޝިޔާއިން ހިންގުމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާއިރު، އިނގިރޭސިވިލާތުގެ އޮކްސްފޯރޑް ބްރޫކްސް ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން ފަސްޓް-ކްލާސް އޮނަރސް ޑިގްރީވެސް ވަނީ ފުރިހަމަކުރައްވާފައެވެ.

ޕެންޝަން އޮފީހުގެ ބޯޑުގެ އަމާޒަކީ އަލަށް އައްޔަންކުރެއްވި ސީއީއޯގެ އިސްނެގުމުގެ ދަށުން މިއޮފީހުގެ އިދާރީ ހިންގުމުގެ ނިޒާމު އިތުރަށް ފުރިހަމަވެގެންދިއުމާއި، ރާއްޖޭގައި ހަރުދަނާ އަދި ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ލިބިގެންދިއުމެވެ.

ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަކީ ރާއްޖޭގެ ޕެންޝަން ސްކީމްތައް ހިންގައި ބަލަހައްޓާ މިނިވަން މުއައްސަސާއެކެވެ. މި އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރިޓަޔަރމަންޓް ޕެންޝަނާއި އަސާސީ ޕެންޝަން ދޫކުރުމާއި، ކަމާގުޅޭ ޤަވާއިދުތައް އެކަށައަޅައި، ދެމެހެއްޓެނިވި ގޮތެއްގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީގެން ރައްޔިތުންނަށް އަބުރުވެރި ރިޓަޔަރމަންޓެއް ކަށަވަރުކޮށްދިނުމެވެ.

މިއަދު އޮންލައިން