މިއަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް 2.4 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 14.4 އިންސައްތައިގެ ކުރިއެރުމެކެވެ.
މީރާއިން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުން، އަހަރުގެ ފުރަތަމަ 7 މަސްދުވަހު އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާރ ޓެކްސްގެ ގޮތުގައި ޖުމްލަ 2.4 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 2.1 ބިލިޔަން ރުފިޔާއެވެ. ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން މައިގަނޑު ދެ ބާވަތެއްގެ ޓެކްސް ނުވަތަ ފީއެއް ނަގަމުންދެއެވެ. އެއީ ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއެވެ.
ވަކިވަކި ދާއިރާތަކުން ބަލާއިރު، ޑިޕާޗަރ ޓެކުހުގެ ގޮތުގައި ފުރަތަމަ 7 މަސްދުވަހު 1.2 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 14.5 އިންސައްތައިގެ އިތުރުވުމެކެވެ. މީގެއިތުރުން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ވެސް މި އަހަރުގެ ފުރަތަމަ 7 މަސްދުވަހު 1.2 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ 14.4 އިންސައްތައިގެ އިތުރު އަދަދެކެވެ.
ރާއްޖޭގައި ޑިޕާޗަރ ޓެކްސް ނަގަން ފަށާފައިވަނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގަމުން އަންނަ ފީއެކެވެ. މި ފީ ނަގަން ފަށާފައިވަނީ 1 މޭ 2017 އިން ފެށިގެންނެވެ.