ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ މިންވަރު 19،266.10 ރުފިޔާއަށް ދަށްކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ހާމަކުރައްވާފައިވާ ގޮތުގައި، މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 19،266.10 ރުފިޔާ އެވެ.
މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން، މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު މުދަލު ޒަކާތުގެ ނިސާބު ވަނީ ބޮޑުކޮށްފައެވެ. އެ ފަހަރު ނިސާބުގެ މިންވަރު ބޮޑުކުރީ 19،527.90 ރުފިޔާއިން 21،836.50 ރުފިޔާއަށެވެ. ރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބު އަބަދުވެސް ކަނޑައަޅަމުން އަންނަނީ ބައިނަލްއަޤްވާމީ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށްގެންނެވެ.
މުދަލު ޒަކާތަކީ ޝަރުޢީ ހަމަތަކާ އެއްގޮތަށް ނިސާބު ހަމަވާ މިންވަރަށް ފައިސާ ނުވަތަ މުދާ ހުރެ، އެ މުދަލެއްގެ މައްޗަށް އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް އަދާކުރުން ވާޖިބު ދީނީ ފަރުޟެކެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ފަސޭހަކަމާއެކު މުދަލު ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.