މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 24.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.6 ބިލިއަން ރުފިޔާ ނުވަތަ 10.4 އިންސައްތައިގެ އިތުރުވުމެކެވެ. ފާއިތުވެދިޔަ ހަފުތާގައި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީއެވެ. އެގޮތުން ޓެކްސްގެ ގޮތުގައި 21.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރޭގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު 7.2 ބިލިއަން ރުފިޔާ ހިމެނެއެވެ. މިއީ މިދިޔަ އަހަރަށްވުރެ 447.1 މިލިއަން ރުފިޔާ ނުވަތަ 6.6 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން ވިޔަފާރި ފައިދާއިން ނަގާ ޓެކްސް 5.4 ބިލިއަން ރުފިޔާއަށް އަރައި 20.6 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާއިރު، އިމްޕޯޓް ޑިއުޓީ 2.1 ބިލިއަން ރުފިޔާއަށް، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސް 1.2 ބިލިއަން ރުފިޔާއަށް އަދި ގްރީން ޓެކްސް ވަނީ 1.4 ބިލިއަން ރުފިޔާއަށް މަތިވެފައެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހަރުމުދަލުން ލިބުނު އާމްދަނީ ވަނީ 1.7 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ ތެރޭގައި ރިސޯޓް ކުލީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 460.4 މިލިއަން ރުފިޔާއަށް އަރައި 90.1 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.
ދައުލަތުގެ ޖުމްލަ ހަރަދަށް ބަލާއިރު، މި މުއްދަތުގައި ހަރަދު ވަނީ 28.1 ބިލިއަން ރުފިޔާއަށް އަރައި، 19.3 އިންސައްތައިގެ އިތުރުވުމެއް ދައްކާފައެވެ. ރިކަރަންޓް ހަރަދުތައް 24.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ސަބްސިޑީއަށެވެ. އެގޮތުން ސަބްސިޑީއަށް 3.5 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 78.4 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މީގެ އިތުރުން އާސަންދައަށް 1.4 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މުސާރަ އާއި އިނާޔަތްތަކަށް 9.4 ބިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.
ކެޕިޓަލް ހަރަދުތަކުގެ ތެރެއިން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) އަށް ހަރަދުވެފައިވަނީ 3.6 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ 5.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 30.0 އިންސައްތައިގެ ދަށްވުމެކެވެ. 13 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓްގެ ޕްރައިމަރީ ސާޕްލަސް 2.4 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، ޖުމްލަ ބަޖެޓް މިހާރު ހުރީ 950.3 މިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.