"ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންދަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 11ސ
"ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާ ބައްދަލުކުރައްވަން އެދޭ ފަރާތްތަކާ ވަކިވަކިން ބައްދަލުކުރައްވާ، ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުޞަތު ދެއްވުމަށްޓަކައި ފަށްޓަވާފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް އެމަނިކުފާނު ކުރިއަށްގެންދަވައިފިއެވެ.

މި ބައްދަލުވުންތަކުގެ ބައެއް މަންޒަރާއި އަޑު ހިމެނޭހެން، "ރައްޔިތުންގެ އަޑު" ސިލްސިލާގެ 2 ވަނަ އެޕިސޯޑް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ މީސް މީޑިއާގައި ޝާއިޢުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ވަކިވަކީން ކުރިއަށްގެންދެވި މި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުން ހުށަހެޅުއްވި ކަންކަމާމެދު މަޝްވަރާކުރައްވައި، އެފަރާތްތަކުގެ އެކިއެކި ބޭނުންތަކަށް ސަރުކާރުން ވެދެއްވެން ހުރި އެހީތެރިކަމަކީ ކޮބައިތޯ ބައްލަވާ، އެކަންކަމަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކޮށްދެއްވާފައެވެ.

ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ސިލްސިލާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމަށް އެދި ހުށަހެޅޭނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިޢުލާންކުރައްވާ މުއްދަތުތަކުގައި، އެކަމަށް ޚާއްޞަކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށެވެ. މިގޮތުން އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލެއްވީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާގެ ރައްޔިތުންނަށެވެ. ދެވަނަ ބުރުގައި ފުރުސަތު ހުޅުވާލައްވާފައި ވަނީ މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންނަށެވެ. މި ސިލްސިލާގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފުރުސަތު ހުޅުވާލެއްވީ އިހަވަންދޫ ދާއިރާ، ނައިފަރު ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށެވެ.

ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު ފަހިވާ ފަދަ ޕްރޮގްރާމެއް ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިއަހަރުގެ ޖޫންމަހުގެ 25 ވަނަ ދުވަހުއެވެ.

"ރައްޔިތުންގެ އަޑު" ނަމުގައި ކުރިއަށްގެންދަވާ މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ފެނިވަޑައިގަންނަވާނެއެވެ.

މިއަދު އޮންލައިން