ގިނަ މީހުންނަށް 2028 ވަނަ އަހަރު ދާއިމީ ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ގިނަ މީހުންނަށް 2028 ވަނަ އަހަރު ދާއިމީ ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ: ރައީސް

ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށާއި، 2028 ވަނަ އަހަރު ގިނަ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ދެވަނަ އެޕިސޯޑްގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ރައީސާ ބައްދަލުކުރި ރައްޔިތުންވެސް ވަނީ ބޯހިޔާވަހިކަމުގެ ދަތިތަކާ ގުޅޭ ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ. ބައެއް ރައްޔިތުން ވަނީ، ދިގު މުއްދަތަކަށް މާލޭގައި ދިރިއުޅެމުން ދިޔަ ނަމަވެސް، މިއަދާ ހަމައަށް ވެސް އަމިއްލަ ބޯހިޔާވަހިކަމެއް ނެތްކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ. ހަމައެއާއެކު، ވަރަށް ކުރިން މާލެ ބަދަލުވެފައިވާ ބައެއް ފަރާތްތަކުން ވަނީ ރާއްޖޭގެ އެހެން ހިސާބަކުންވެސް އަމިއްލަ ގޯއްޗެއް ނެތްކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން، އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން ބޮޑު ކުއްޔަށް ތަންތަން ހިފައިގެން ދިރިއުޅެން ޖެހުމާއި، ތަކުރާރުކޮށް ތަންތަން ބަދަލުކުރަން ޖެހޭ ހާލަތު ވެސް ރައްޔިތުން ރައީސާ ހިއްސާކުރެއްވިއެވެ.

ރައްޔިތުންގެ މި ކަންބޮޑުވުންތައް ރައީސް ސަމާލުކަމާ އެކު އަޑުއެއްސެވުމަށްފަހު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެ ގޮތުން، މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގައި ވެސް ވީހާ ވެސް އަވަހަށް ފްލެޓްތައް ނިންމައި ރައްޔިތުންނަށް ހަވާލުކުރުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢަކަށް ނުފޫޒެއް ނުފޯރުވޭނެ ކަމަށާއި، ކަންކަން ކުރިއަށްވުރެ ރަނގަޅުވެ، ހިންގުން ހަރުދަނާ ވެގެންދާނެ ކަމަށެވެ. ހަމައެއާ އެކު، 2028 ވަނަ އަހަރު ހިތަށް ވެސް ނާންނަ ވަރަށް ގިނަ ރައްޔިތުންނަށް މާލެ ސަރަހައްދުން ފްލެޓް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން