ހަމައެކަނި ކުރާ އަނިޔާއަށާ ދޭ ގެއްލުމަކަށް ނޫން! އަނެކާގެ ހިތްދަތިކުރުވަން ބުނާ އެންމެ ބަހަކަށްވެސް މާފުނުހޯދުމަކީ ޤިޔާމަތް ދުވަހު އެކަމާ ކުރިމަތިލާން ޖެހޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ހަމައެކަނި ކުރާ އަނިޔާއަށާ ދޭ ގެއްލުމަކަށް ނޫން! އަނެކާގެ
ހިތްދަތިކުރުވަން ބުނާ އެންމެ ބަހަކަށްވެސް މާފުނުހޯދުމަކީ ޤިޔާމަތް ދުވަހު އެކަމާ
ކުރިމަތިލާން ޖެހޭނެ ކަމެއް!


ގިނަ ބައަކަށް އެންމެ ދެރަކޮށް ކުރެވޭ އެއްކަމަކީ ދުލުން ބުނެވޭ ބަސްތަކަށް ސަމާލުކަން ނުދެވުމެވެ. އަނެކާގެ ހިތަށް އަސަރުކުރާނެ ފަދަ ބަސްތައް ބުނެވުމެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. ހިތާމައަކީ ދެމަފިރިން އެކަކު އަނެކަކަށްވެސް އެފަދަ ބަސްތައް ބުނާކަމެވެ. މިއީ ކުޑަކަމެއް ނޫނެވެ. ބޮޑު ކަމެކެވެ. ދުނިޔޭގައިވެސް ދެރަލިބޭ ކަމެކެވެ.

ކުރެވޭ ބައެއް ކަންކަމާއި ގުޅިގެން ބައެއް ފަހަރު ވަރަށް ހިތާމަވެރި ކަންކަން މެދުވެރިވެފައި އެބަހުއްޓެވެ. ހުތުރު ބަހުން ޒުވާބުކޮށް އެކަމުގެ ރުޅީގައި އަލުން ކުރިމަތިނުލެވި ތިއްބައި އެބަ ދުނިޔެ ދޫކުރަން ޖެހެއެވެ. މިއީ ކޮންފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟ މިފަދަ ޙާލަތުގައި ގިނަ ފަހަރު އޮންނަނީ އެކަކު އަނެކަކަށް މަޢާފްވެސް ނުކުރެވިފައެވެ.

މިކަން ފާހަގަމިކުރާ ސަބަބަކީ އެއްވެސް މީހެއްގެ ހިތުގައި ޖެހޭފަދަ އަދި ޙައްޤުނޫން ބަހެއް ބުނެވިފައިވަނިކޮށް، އޭނާގެ ކިބައިން މާފަށް ނުއެދެވި އޮއްވައި މަރުވެއްޖެނަމަ އެކަން ޤިޔާމަތް ދުވަހު އެމީހަކާއި ބައްދަލުކުރާނެތީއެވެ. ބަދަލުދޭންޖެހޭނެތީއެވެ. އެކަންވާނީ އެމީހަކަށް ކުރިމަތިވާނެ އެންމެ ބޮޑު މުޞީބާތަށް ކަމުގައިވާތީއެވެ.

ވީމާ ކިތަންމެ ބޮޑު ކަމަކާއި ހިތްހަމަނުޖެހިގެން ޒުވާބެއް ކުރެވުނު ނަމަވެސް ޒުވާބުގެ ތެރެއިން ވެސް ވިސްނައިލަން ޖެހޭނެ އެންމެ މުހިންމު އެއް ކަމަކީ މިއީ ހަމަ އަހަރެމެން ވާހަކަ ދައްކާނެ އެންމެ ފަހު ފަހަރުކަމަށްވެދާނެ ކަމާއިމެދުގައެވެ. އަދި މަސައްކަތްކުރަންޖެހޭނީ އެގޮތަށް އެކަން މެދުވެރިވިއަ ނުދިނުމަށެވެ.

ވިސްނައިލާށެވެ! އަހަރެމެން ނިދަނީ ހެނދުނު ހޭލުމުގެ ނިޔަތުގައެވެ. އަހަރެމެން ނިދުމާއިއެކު އަހަރެމެންގެ އަމިއްލަބާރު ކެނޑިގެންދެއެވެ. އަހަރެމެންނަށް ނިދިން ހޭލެވެނީ އެކަމަށް ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވައިފި ނަމައެވެ. ވީއިރު މާދަމާ އަކީ އަންނާނެ ދުވަހެއްކަން އެނގެނީ ކާކަށް ހެއްޔެވެ؟

މިވާހަކަ ބަޔާން މިކުރީ މައްސަލައެއް ޙައްލު ނުކުރެވި ނިދައިފިނަމަ އަދި އެމީހަކަށް ނުހޭލެވިއްޖެނަމަ ދެން ކުރިމަތިވެދާނެ މައްސަލަތައް ބަޔާން ކުރުމަށެވެ. ޚާއްޞަކޮށް ޢާއިލީ މައްސަލައެއް ޙައްލު ނުކުރެވި އޮވެއްޖެ ނަމައެވެ. މިހާލަތުގައި ޢާއިލާގެ ގޮތުގައި މާނަކުރަން އަހަރެން ބޭނުންވަނީ ޢާއިލީ ގުޅުންހުރި މީހުން އެކަންޏެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް ތިމާ އާއިއެކުގައި އުޅޭ، ތިމާއަށް ހެޔޮ އެދޭ، އަދި އެހީތެރިވާ ކޮންމެ މީހަކީވެސް ހަމަ ޢާއިލާގެ މީހެކެވެ. އެފަދަ މީހަކަށް ނަފްރަތުކޮށްގެން ނުވަތަ މައްސަލަ ޙައްލު ނުކޮށް ނިދަން ހެޔޮވެދާނެ ހެއްޔެވެ؟ ވީމާ ދުލުން ބަސްތައް ބުނެ ބޭރުކުރާއިރު މިފަދަ ހުރިހާ ކަންކަމަށްވެސް ވިސްނަންވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން