ބައިވެރިޔާއަށް ނަމަވެސް އެހެން މީހަކަށް ނަމަވެސް ފަހުން މާފަށް އެދެންޖެހޭނެ ބަހެއް ނުބުނުމަށް ރަސޫލް (ޞޢޥ) ވަނީ ވަޞިއްޔަތް ކުރައްވަވައިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ބައިވެރިޔާއަށް ނަމަވެސް އެހެން މީހަކަށް ނަމަވެސް
ފަހުން މާފަށް އެދެންޖެހޭނެ ބަހެއް ނުބުނުމަށް ރަސޫލް (ޞޢޥ) ވަނީ ވަޞިއްޔަތް
ކުރައްވަވައިފަ!

އެއްދުވަހަކު މީހަކު އައިސް ރަސޫލް (ﷺ) އަށް ދެންނެވިއެވެ.

"މާތް ނަބިއްޔާއެވެ! މިއަޅާއަށް ފައިދާ ކުރާނެ ނަޞޭޙަތްފުޅެއް ދެއްވަވާށެވެ! އަދި އެދެނީ އާދައިގެ ނަޞޭޙަތްފުޅަކަށް ނޫން ކަމަށާއި އެ ނަޞޭޙަތްފުޅުގެ ސަބަބުން އޭނާއަށް ގުޑުން އަންނާނެ ފަދަ ނަޞޭޙަތްފުޅެއް ދެއްވެވުމަށް އެދޭ ކަމަށެވެ.

އެހިނދު ރަސޫލް (ﷺ) އެނާއަށް 3 ކަމަކަށް ނަޞޭޙަތް ދެއްވެވިއެވެ. ނުވަތަ ވަޞިއްޔަތް ކުރެއްވެވިއެވެ. އެއިގެ ތެރެއިން ދެވަނަ ކަމަކީ "މާދަމާ މަޢާފަށް އެދެންޖެހިދާނެ ބަހެއް މިއަދު ނުބުނާށެވެ!" ވިދާޅުވެ ދެއްވެވި ނަޞޭޙަތްފުޅެވެ.

މިއީ ވަރަށް މަތިވެރި ނަޞޭޙަތްފުޅެކެވެ. އެހެނީ ބައެއް ފަހަރު އަންނަ ރުޅީގައި މިއަދު ބުނެވޭ ބަހަކުން އެބަ އަނބިމީހާ ވަރިކުރެވެއެވެ. ރުޅިމަޑުވުމުން އެކަމާއިމެދު ދެރަވެ ބައެއް ފަހަރު މުޅި އުމުރަށްވެސް ހިތާމަކުރަން އެބަ ޖެހެއެވެ. ބުނެވޭ އެންމެ ބަހެއްގެ ސަބަބުން ޢާއިލާ ރޫޅި ދަރިންކޮޅު ނިކަމެތިވުމުން ލިބޭ ގެއްލުން އޮންނަނީ ދުވަހަކުވެސް ފޫ ނުބެއްދޭވަރުގެ ބޮޑު ގެއްލުމަކަށްވެފައެވެ. މުޅި އުމުރަށް ހިތާމަކޮށް ކަރުނައަޅަންޖެހޭ ކަމަކަށް ވެގެންވެސް އެބަދެއެވެ.

ހަމަ އެއާއިއެކު ބުނެވޭ ބަހަކުން އުމުރު ދުވަހު އެކުގައި އުޅުނު އެންމެ ގާތް ރަޙްމަތްތެރިންނާއި ގުޅުން ކެނޑިގެން އެބަދެއެވެ. ކޮންމެ ކަމެއްގައިވެސް އެހީތެރިވާ މިތުރުންނާއި ގުޅުން ކެނޑިގެން އެބަދެއެވެ.

މިފަދަ ކޮންމެ ހާލަތެއްގައި ވެސް ބަސް ބުނުމަށްފަހު ދެރަވެ ހިތާމަކުރަން ޖެހެއެވެ. މަޢާފަށްވެސް އެދެން ޖެހެއެވެ. މަޢާފްކުރޭތޯ އާދޭސްކުރަންވެސް އެބަ ޖެހެއެވެ. ވީމާ ރަސޫލް (ﷺ) ނަޞޭޙަތްތެރިވެވަޑައިގެންފައި އެވަނީ ކިތަންމެ ވަރަކަށް ޚިޔާލުތަފާތުވި ނަމަވެސް އަދި ރުޅި އައި ނަމަވެސް އެކަންކަން ކޮންޓްރޯލު ކުރުމަށެވެ. ދުލުން ބަހެއް ބުނުމުގެ ކުރިން ތަކުރާރުކޮށް ވިސްނުމަށްފަހުގައި ނޫނީ ނުބުނުމަށެވެ. ފަހުން ހިތާމަކޮށް މާފަށް އެދެން ޖެހިދާނެ ކަމަށްޓަކައެވެ. 

އެއްވެސް މީހަކާއި މުޢާމަލާތުކުރާއިރު ހަރުކަށިވެ ނުބައި ބަސްތައް ނުބުނާށެވެ! އަލުން އެމީހަކާއި ކުރިމަތިލައި މަޝްވަރާ ކުރަން އުނދަގޫވެދާނެ ފަދަ ބަސްތައް ދުލުން ނުބުނާށެވެ! އަބަދުވެސް މުޢާމަލާތުކުރަން ޖެހޭނީ ކޮންމެ ވަގުތަކުވެސް އެމީހަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ބަލައިގެންނެވެ.

ޚުލާޞާއަކީ ބައިވެރިޔާއަށް ނަމަވެސް މުވައްޒިފަކަށް ނަމަވެސް އަދި އެހެން މީހަކަށް ނަމަވެސް އެބަހެއް ބުނެވުނީތީ ފަހުން މާފަށްއެދެން ޖެހިދާނެ ފަދަ ބަހެއް ނުބުނުމެވެ. ބުނެވޭ ކޮންމެ ބަހަކާއިމެދުވެސް ސަމާލުކަންދީގެން ބަސްބުނުމެވެ. މިވަޞީއްޔަތްފުޅަށް ޢަމަލުކުރުމަކީ އެއީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

 

 

މިއަދު އޮންލައިން