މުސްލިމް އަޚުންނޭވެ! މާތް اللهގެ ޙަޟުރަތުގައި ޤަބޫލުވެވިގެންވާ ދީނަކީ، އިސްލާމްދީނެވެ. އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، الله ގެ ޙަޟުރަތުގައި، ދީނަކީ އިސްލާމްދީނެވެ." އިސްލާމްދީން ނޫން ދީނެއް އެކަލާނގެ ޤަބޫލެއް ނުކުރައްވާނެއެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭ މީހާ (ދަންނާށެވެ!) ފަހެ، އެ މީހާގެ ކިބައިން (އެކަން) ޤަބޫލެއްނުކުރައްވާ ހުއްޓެވެ. އަދި، އާޚިރަތުގައި އޭނާވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."
މުސްލިމް އަޚުންނޭވެ! ނަބީކަމާއި ރަސޫލުކަމާއިގެން مُـحَمَّدٌ ﷺ ފޮނުއްވުމުގެ ކުރީގައި މަދު ބައަކު ފިއަވައި، ބުދަށާއި ގަސްގަހާގެއްސަށާއި އަލިފާނަށާއި ފެނަށާއި ހިލައަށާއި އިންސާނުންނަށް ވެސް މީސްތަކުން އަޅުކަންކުރިއެވެ. އަޅުކަންކުރުން ޙައްޤުވެގެންވާ އިލާހަކީ ކޮބައިކަން ދަންނަމީހުން މަދެވެ. ކުރީން ބާވައިލެއްވުނު އިލާހީ ޝަރީޢަތްތައް ވަނީ ތަޙުރީފުކުރެވި، އޭގެ އަޞްލު ގެއްލިފައެވެ. ދުނިޔޭގައި އޮތީ ޖަންގަލީގެ ޤާނޫނެވެ. އެއިރު ވިޔަފާރިމުދަލެކޭ އެއްފަދައިން ބާޒާރުގައި އިންސާނުން ގަނެވިއްކިއެވެ. އަނިޔާވެރިކަން ވަނީ ބޮޑުވެފައެވެ. އަންހެންދަރީން ދިރިތިއްބައި ވަޅުލުމާއި، ރާބުއިމާއި ޖުވާކުޅުމާއި ރިބާގެ މުޢާމަލާތްތައް ފަދަ މުންކަރާތްތައް ވަނީ ފެތުރިފައެވެ. މިފަދަ ދަށު ދަރަޖައަކަށް އިންސާނިއްޔަތު ވެއްޓިފައިވަނިކޮށް، މުޅި އިންސާނިއްޔަތު ސަލާމަތްކުރެއްވުމަށް ޓަކައި، މާތް الله ފޮނުއްވި ރަސޫލުބޭކަލަކީ، މާތް ނަބިއްޔާ مُحَمَّدٌ ﷺ އެވެ. އެކަލޭގެފާނު ފޮނުއްވުނީ ޢާލަމްތަކަށް ރަޙުމަތެއްކަމުގައެވެ. ހިދާޔަތުގެ މަގަށް އަލިކުރާ ވޮށެއްގެ ގޮތުގައެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ ނަބިއްޔާއެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކުކަމުގައްޔާއި (މުއުމިނުންނަށް) އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކުކަމުގައްޔާއި (ކާފިރުންނަށް) ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކުކަމުގައެވެ. އަދި މާތް اللهގެ ދީނަށް، އެކަލާނގެ އަމުރުފުޅާ އެކު (މީސްތަކުންނަށް) ގޮވައިލައްވާ ބޭކަލަކުކަމުގައްޔާއި (އެއުރެންގެ މަގަށް) އަލިކުރާ ވޮށެއް ފަދަ ބޭކަލަކުކަމުގައެވެ." އަދިވެސް ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ޢާލަމްތަކަށް ރަޙްމަތެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ." އެކަލޭގެފާނު މުސްލިމުންގެ މައްޗަށް އޯގާވެރިވެ ރަޙުމްކުރައްވާ މިންވަރު ބަޔާންކުރައްވައި މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑު ކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގުލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި، ރަޙުމްހުރި ބޭކަލެކެވެ."
މުސްލިމް އަޚުންނޭވެ! މާތް ސާހިބާ مُحَمَّدٌ ﷺ އަކީ ތަޤުވާވެރީންގެ އިމާމެވެ. ރަސޫލުކަމާއި ނަބީކަން ޚަތިމުކުރެއްވި މާތް ސާހިބާއެވެ. ޤިޔާމަތް ދުވަހުން ޙަމްދުލިބިގެންވާ މަޤާމާއި ޙައުޟޭ ކިޔުނު ފެންއާރުގެ ވެރި ސާހިބާއެވެ. އެބޭކަލަކަށް ޓަކައި ސުވަރުގޭގެ ދޮރުކޮޅު އެންމެ ފުރަތަމަ ހުޅުވޭނޭ ސާހިބާއެވެ.
މުސްލިމް އަޚުންނޭވެ! ކައުއިތުރު މާތް ނަބިއްޔާ ﷺ އަށް އީމާންވުމުގެ މާނައަކީ، އެކަލޭގެފާނަށް ކިޔަމަންގަތުމާއި، އެކަލޭގެފާނުގެ މަތިވެރި ސުންނަތަށާއި މަޤާމަށް ޤަދަރުކޮށް، އިޙުތިރާމްކޮށް އަދަބު تَعْظِيْمُ އަދާކުރުމެވެ. އެ މީހެއްގެ އަމިއްލަ ނަފުސާއި، މުދަލާއި، އަނބިދަރީންނަށް ވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ، އެކަލޭގެފާނަށް އެބަހީ: އެކަލޭގެފާނުގެ ސުންނަތަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (لَا يُؤْمِنُ أَحَدُكُمْ حَتَّى أَكُوْنَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِيْنَ)[6] މާނައީ: "ތިޔަބައިމީހުން ކުރެ މީހެއްގެ މައިންބަފައިންނާއި، ދަރީންނާއި، އެންމެހައި މީސްތަކުންނަށް ވުރެ ބޮޑަށް، ތިމަންކަލޭގެފާނު ދެކެ އެ މީހަކު ލޯބިވެއްޖައުމަށް ދާންދެން، އެ މީހެއްގެ އީމާންކަން ފުރިހަމައެއް ނުވާހުށްޓެވެ." އެކަލޭގެފާނަށް ނަފުރަތުކުރުމާއި، ކުޑައިމީސް ބަސްބުނެ، ފުރައްސާރަކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނޭ ކަންކަމެވެ. އެ ފަދަ މީހުންނަކީ މާތް ﷲ ލަޢުނަތްލައްވައި ނިކަމެތިކުރައްވައި ވޭންދެނިވި ޢަޛާބުދެއްވާނޭ ބައެކެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، اللهއާއި، އެކަލާނގެ ރަސޫލާއަށް އުނދަގޫކުރާ (އެބަހީ: ދޮގުކޮށް ކާފިރުވާ) މީހުން (ދަންނާށެވެ!) الله، އެއުރެންނަށް ދުނިޔެއާއި، އާޚިރަތުގައި ލަޢުނަތްލެއްވިއެވެ. އަދި އެކަލާނގެ އިހާނާތްތެރި ޢަޛާބު އެއުރެންނަށް ޓަކައި ތައްޔާރުކުރެއްވިއެވެ."
މުސްލިމް އަޚުންނޭވެ! ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނަށް ފުރައްސާރަކުރުމަކީ އިއްޔެއަކު އަދަކު ކުރިމަތިވެގެން އުޅޭ ކަމެއް ނޫނެވެ. މީސްތަކުންގެ ގާތަށް މާތް الله ފޮނުއްވި ކޮންމެ ނަބީބޭކަލަކާއި ރަސޫލުބޭކަލަކަށް ފުރައްސާރަކުރި ބަޔަކު އުޅުނެވެ. މި ކަން ބަޔާންކުރައްވައި މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަޅުތަކުންގެ މައްޗަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެ ބޭކަލަކަށް އެއުރެން ފުރައްސާރަކުރާ ގޮތުގައި މެނުވީ، އެއުރެންގެ ގާތަށް އެއްވެސް ރަސޫލަކު ވަޑައެއް ނުގަންނަވަތެވެ." އަހަރެމެންގެ މާތް ނަބިއްޔާއަށް ވެސް މި ދުއްތުރާތަކާ ކުރިމަތިވެވަޑައިގަތެވެ. ނަމަވެސް މާތް الله އެ ފަދަ ފުރައްސާރަވެރީން ނިކަމެތިކުރައްވައި، އެކަލާނގެ ނަބިއްޔާއަށް ނަޞްރުދެއްވިއެވެ.
މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ކަލޭގެފާނަށް ފުރައްސާރަކުރާ މީހުންގެ ނުބައިކަމުން ތިމަންރަސްކަލާނގެ ކަލޭގެފާނު ރައްކާތެރިކުރައްވާހުށީމެވެ!" އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ކަލޭގެފާނު ކޯފާއިސްކުރުވާ މީހާ އެއީ، ހުރިހައި ހެޔޮ ކަމަކުން ކެނޑިގެންވާ މީހާއެވެ."
މުސްލިމް އަޚުންނޭވެ! މާތް ނަބިއްޔާ ދެކެ ލޯބިވުމާއި އެކަލޭގެފާނު ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ފަހެ، އެކަލޭގެފާނަށް އީމާންވެ، އެކަލޭގެފާނަށް ވާގިވެރިވެ، ނަޞްރުވެރިވެ، އެކަލޭގެފާނާ އެކުގައި ބާވައިލެއްވި ނޫރަށް ތަބާވީ މީހުން (ދަންނާށެވެ!) ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ."
މާތް ނަބިއްޔާ ﷺ ގެ ދިފާޢުގައި حَسَّانُ بْنُ ثَابِت (رَضِيَ اللهُ عَنْهُ) މުޝްރިކުންނާ ދެކޮޅަށް ޅެންހައްދަވައި ވިދާޅުވާންފެށްޓެވުމުން ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ رُوْحَ الْقُدُسِ لَا يَزَالُ يُؤَيِّدُكَ، مَا نَافَحْتَ عَنِ اللَّهِ وَرَسُوْلِهِ)[12] މާނައީ: "ކަލޭގެފާނު الله އާއި އެކަލާނގެ ރަސޫލާ ﷺ ދިފާޢުކުރައްވާހައި ހިނދަކު، ހަމަކަށަވަރުން ޖިބުރީލުގެފާނު ކަލޭގެފާނަށް ވާގިދެއްވުމުގައި ދެމިހުންނަވާނެއެވެ."
މުސްލިމް އަޚުންނޭވެ! މާތް ނަބިއްޔާ ﷺ އަށް ލޯބިކުރުމުގެ އެންމެ މުހިންމު ޢަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުމެވެ. އެކަލޭގެފާނުގެ މަތިވެރި ސީރަތުން ނަމޫނާލިބިގަނެ، އެކަލޭގެފާނު އުންމަތަށް ދައްކަވައިދެއްވި އަޚުލާޤީ ރިވެތި މިންގަނޑުތަކަށް ތަބާވުމެވެ. ތެދުބަސްބުނުމާއި، ކެތްތެރިވުމާއި، ޢަދުލުވެރިވުމާއި، އެއްބަޔަކު އަނެއްބަޔަކަށް އިޙުތިރާމުކުރުމާއި، މަޑުމޮޅިވުމާއި، މި ނޫން ވެސް އެކަލޭގެފާނު ގެނެސްދެއްވި އަޚުލާޤީ އެންމެހައި ސިފަތަކުން ޒީނަތްތެރިވުމެވެ. އެކަލޭގެފާނަށް ލޯބިކުރުމުގެ މިންގަނޑަކީ އެކަލޭގެފާނަށް ފުރިހަމަ މާނައިގައި ތަބާވުންކަން ބަޔާންކުރައްވައި މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން الله ދެކެ ލޯބިވާކަމުގައިވަނީ ނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބާވާށެވެ! އެއިރުން، الله، ތިޔަބައިމީހުން ދެކެ ލޯބިވެ ވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށް ޓަކައި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللهއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ރަސްކަލާނގެއެވެ."
މުސްލިމް އަޚުންނޭވެ! އެކަލޭގެފާނު ދެކެ ލޯބިވާ މީހާ، ޢިބާދާތާއި މުޢާމަލާތާއި އަޚުލާޤިއްޔާތުގައި ވެސް އެކަލޭގެފާނު ނަމޫނާއެއް ކަމުގައި ބަލާން ޖެހެއެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، الله ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ. (އެއީ) اللهގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން الله ހަނދުމަކުރާ މީހަކަށެވެ."
މުސްލިމް އަޚުންނޭވެ! ކީރިތި ރަސޫލާ ﷺ އަށް ކިޔަމަންގަތުމަކީ ސުވަރުގެވަދެވޭން އޮތް މަގެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (كُلُّ أُمَّتِيْ يَدْخُلُوْنَ الْـجَنَّةَ إِلَّا مَنْ أَبَى، قَالُوْا: يَا رَسُوْلَ اللهِ، وَمَنْ يَأْبَى؟ قَالَ: مَنْ أَطَاعَنِيْ دَخَلَ الْـجَنَّةَ، وَمَنْ عَصَانِيْ فَقَدْ أَبَى)[15] މާނައީ: "ތިމަން ކަލޭގެފާނުގެ އުންމަތުގެ އެންމެން ސުވަރުގެއަށް ވަންނާނެއެވެ. ދެކޮޅުހަދައިފި މީހާ މެނުވީއެވެ." އެ ހިނދު އަޞްޙާބުބޭކަލުން ދެންނެވިއެވެ. اللهގެ ރަސޫލާއެވެ! ދެކޮޅުހަދާނީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނަށް ކިޔަމަންގެންފި މީހާ ސުވަރުގެއަށް ވަދެއްޖެއެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެ މީހާ ދެކޮޅުހަދައިފިއެވެ."
އެއަށް ފަހު ދަންނާށެވެ! ތިޔަބައިމީހުން الله تَعَالَىއަށް ތަޤުވާވެރިވެ އެކަލާނގެއަށް ބިރުވެތިވާށެވެ! އަދި އާޚިރަތްދުވަހުގެ ފަލާޙާއި ކާމިޔާބީއަށް ތިޔަބައިމީހުން އެދޭށެވެ! އިސްލާމްދީނާއިގެން ވަޑައިގެންނެވި މާތް ނަބިއްޔާ مُحَمَّدٌ ﷺ އިސްލާމީ އުންމަތަށް ޓަކައި ދޫކުރެއްވި ތަރިކައިގައި ވަރުގަދައަށް ހިފަހައްޓާށެވެ! އެ ތަރިކަ ދޫނުކުރާށެވެ! އެއީ اللهُ سُبْحَانَهُ وَتَعَالَى ބާވައިލެއްވި ފޮތާއި ކައުއިތުރު ރަސޫލާ ﷺ ގެ ސުންނަތެވެ. ޤުރްއާނާއި
ސުންނަތުގައި ހިފަހައްޓައިފި ބަޔަކު މަގުއޮޅިގެނެއްނުދާނެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނީ އިބަރަސްކަލާނގެ ކަލިމަފުޅު އުފުލުމަށް ޓަކައި މަސައްކަތްކުރާ ބަޔަކުކަމުގައި ލައްވާނދޭވެ!