މާލޭގެ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) ގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ތަޢުލީމާއި މަތީތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މާލެ ސަރަޙައްދުގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ތަޢުލީމީ ދާއިރާގެ މަޝްރޫޢުތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ސީއެޗްއެސްސީގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްގެންދިޔުމަށްޓަކައި މިހާރު ކުރިއަށްދަނީ ކުރެހުންތައް އެޕްރޫވް ކުރުމުގެ މަރުހަލާ ކަމަށެވެ. އަދި އުންމީދަކީ މިއަހަރުގެ ފަހު ކުއާޓަރުގައި އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ސީއެޗްއެސްސީގެ 7 ފަންގިފިލާގެ މި އައު އިމާރާތް އެޅުމަށް މިއަހަރުގެ ފެބްރުއަރީ މަހު ހަވާލުކޮށްފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މީގެއިތުރުން މާލެ ސަރަޙައްދުގައި އިތުރު ސްކޫލްތައް އިމާރާތް ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ. އެގޮތުން ހުޅުމާލޭގައި އިތުރު ދެ ސްކޫލެއް އިމާރާތް ކުރުމަށް ނިންމާފައިވާ ކަމަށާއި، އޭގެތެރޭގައި ހިމެނެނީ ވޮކޭޝަނަލް އެޑިއުކޭޝަން ހިމަނައިގެން އޭލެވެލްއަށް ކިޔަވައިދޭ ސްކޫލަކާއި ގްރޭޑް 1 އިން 10 އަށް ކިޔަވައިދޭނެ އިތުރު ސްކޫލެއް ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، މާލޭ ވޮކޭޝަނަލް ހައި ސްކޫލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި، އެ ތަންތަން އިމާރާތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.