ސިނަމާލެ ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 08:42 ހާއިރުއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، ކޮންޓްރޯލުން ނެއްޓިގެން ދިޔަ ކާރު ސޯލާ ޕެނަލްތައް ހުރި ހޮޅިދަނޑިތަކުގައި ޖެހުމަށްފަހު ވަނީ ފުރޮޅާލައިފައެވެ. މި ހާދިސާގެ ސަބަބުން ކާރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މި އެކްސިޑެންޓް ހިނގި ވަގުތު ކާރުގެ ތެރޭގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިއްބެވެ. އެ ދެމީހުންނަށް މިހާރު ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.