ބިންމަތިން ފެނުނު ފައިސާތައް ހޮވިކުއްޖަކަށް އެންމެ ނުރައްކާތެރި ޙާލަތު ކުރިމަތިވި ޙާދިސާއެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ބިންމަތިން ފެނުނު ފައިސާތައް ހޮވިކުއްޖަކަށް އެންމެ ނުރައްކާތެރި ޙާލަތު ކުރިމަތިވި ޙާދިސާއެއްގެ ވާހަކަ!

ފައިސާ ފެންނާނެއެވެ. މަގުމަތިންވެސް ފެންނާނެއެވެ. އަތަށްވެސް އަރާނެއެވެ. އަތަށްލައިވެސް ދޭނެއެވެ. ނަމަވެސް ބޭނުންކުރަންވާނީ ތިމާއަށް ޙައްޤު ގޮތުގައެވެ. ނޫންނަމަ ލިބޭނެ ދެރަ މާބޮޑުވާނެއެވެ. މިގެނެސްދޭ ޙާދިސާއިން ޢިބްރަތް ޙާޞިލުކުރައްވާށެވެ!  

މިޙާދިސާ މިގެނެސްދެނީ މިއަދުނޫހުގެ ކިޔުންތެރިއަކު ކުރައްވާފައިވާ ސުވާލަކާއި ގުޅިގެން ޢިބްރަތެއްގެ ގޮތުންނެވެ. އުންމީދަކީ ހުރިހާ ކިޔުންތެރިންނަށްވެސް ފައިދާ ކުރުމެވެ.  

ދަނޑުމަތީގައި ހިނގަމުންދިއަ 2 އަންހެންކުދިންނެވެ. ވަރަށް ދުރަށް ދެވިފައި ހުއްޓާ ބިންމަތިން ފެނުނީ ފައިސާގެ ނޫޓެކެވެ. އެއް ކުއްޖަކު ބޭނުންވީ އެ ނަގާށެވެ. އަނެއް ކުއްޖާ ދެކޮޅު ހެދިއެވެ. އޭނާ ބުނީ ބިންމަތީގައި އޮތްނަމަވެސް ނަގަން ޖެހޭނީ އަހަރެމެންގެ އެއްޗެއް ކަމަށެވެ. ނަމަވެސް އެބަސް ޤަބޫލުނުކޮށް އަނެއް ކުއްޖާ އެނޫޓް ނެގީއެވެ.

ނަގައިގެން ހިނގައިގަންނައިރަށް އަނެއް ނޫޓު ފެނިއްޖެއެވެ. ފެންނަ ނޫޓުތައް ނަގަމުން ނަގަމުން ގޮސް ޖަންގަލިތެރެއަށްވެސް ވަދެވިއްޖެއެވެ. ވަދެވުނުތަނާ މާގިނަ ނޫޓުތަކެއް ފެނިގެން ނަގަން އިށީންތަނާ މީހަކު އައިސް ނަގައި ކޮނޑަށްލައިގެން ދުއްވައިގެންފިއެވެ. ދުވަމުން ގޮސް ވަރަށް ގަސްބޯ ސަރަހައްދަކަށް ގެންގޮސްފައި ދެމީހަކުވެގެން މަސައްކަތްކުރީ ރޭޕްކުރާށެވެ.  

ނަޞީބު ރަނގަޅުކަމުން އެމަންޒަރު ސެކިޔުރިޓީ ބަލަހައްޓާ މީހަކަށް ފެނިގެން ދުވެގޮސް އަންހެންކުއްޖާ ސަލާމަތްކުރީއެވެ. އެކަން އެގޮތަށް މެދުވެރިނުވިނަމަ އޭނާ ރޭޕްކުރެވުނީހެވެ. 

މިއީ ވަރަށް ކުރުކުރު ވާހަކަކޮޅެކެވެ. ނަމަވެސް މިއީ މިއަދު އަހަރެމެން ކޮންމެ އަންހެނަކުވެސް ވިސްނާލަން ވަރަށް މުހިންމު ވާހަކަކޮޅެކެވެ. މަސްބާނަން އެން އުކާހެން އަހަރެމެންގެ ވަށައިގެން ފައިސާއުކާނެއެވެ. އަގުބޮޑު ކެއުންތަކާއި ކޮފީވެސް އުކާނެއެވެ. އެކަންކަމަށް ދަހިވެތިވެއްޖަނަމަ ޖެހުން ގާތީ ހަމަ އެކުއްޖާއަށް އެޖެހުނު ޙާލެވެ.

އެކުއްޖާއަށްވެސް ފައިސާގެ ނޫޓުތައް ފެންނަން ފެށުމުން ދަހިވެތިކަން ކޮޅުންލީއެވެ. ގިނައިން ހޮވޭވަރަކަށް ދަހިވެތިކަން ބޮޑުވަމުންގޮސް އެންމެފަހުން ޖަންގަލިތެރެއަށްވެސް ވަދެވުނީއެވެ. ވަދެ ގޮތަކަށް ޝިކާރަވެސް ކުރެވުނީއެވެ. ފައިސާއަށް ދަހިވެތިވެވޭނަމަ ކަންކަން މެދުވެރިވަމުންދާނީ ހަމަ އެގޮތަށެވެ. ލިބޭވަރަކަށް ދަހިވެތިކަން އިތުރުވާނެއެވެ. ގިނައިން ބޭނުންވާނެއެވެ. އެންމެފަހުން ވެއްޓޭނީ ހަމަ ގެއްލުމާއި ހަލާކުގެތެރެއަށެވެ.

 

- މިއަދުނޫސް

 

 

މިއަދު އޮންލައިން