ބަލިޙާލުގަ އޮންނައިރު މަންމަގެ ގާތުގަ ތިބެންވީ އެދަރިއަކަށް ވާޖިބުވާވަރަކަށް ނޫން! އެއީ ސުވަރުގެއާ ދިމާއަށް އެންމެ ބާރަށްދާން ބޭނުންހިފަން ލިބޭނެ ފުރުޞަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ބަލިޙާލުގަ އޮންނައިރު މަންމަގެ ގާތުގަ ތިބެންވީ އެދަރިއަކަށް ވާޖިބުވާވަރަކަށް ނޫން! އެއީ ސުވަރުގެއާ ދިމާއަށް އެންމެ ބާރަށްދާން ބޭނުންހިފަން ލިބޭނެ ފުރުޞަތެއް!

މަންމަ އެނދުމަތިވެފަ ހޮސްޕިޓަލުގަ އޮންނައިރު ބެލުމަކީ މަންމަ ބަލަހައްޓާ ދަރިފުޅަށް އެކަނި ކުރަންޖެހޭނެ ކަމެއްތަ؟

މިފަދަ ސުވާލުތައް ކުރެވެނީ އެެހންކުދިންގެ އެހީތެރިކަން ނުލިބޭތީއެވެ. މިއީ ދިމާވާ ކަމެކެވެ. ވަރަށް ހިތާމަހުރި ކަމެކެވެ. ކަންދިމާވާ ގޮތަކުން މަންމަ ބަލަނީ އެއްދަރިފުޅު ކަމަށްވުމަކީ އެހެން ދަރިން އަޅާނުލައި ތިބެން އޮތް ސަބަބެއް ނޫނެވެ. އެދަރިފުޅު މަންމަ އެބަލަނީވެސް ހުރިހާ ދަރިންގެ މަތިންނެވެ. ވީމާ އެކަމަށް އޮތީ އޭނާއަށް ޝުކުރުވެރިވުމެވެ. އަދި ހޮސްޕިޓަލުގައި ބާއްވަންޖެހުން ފަދަ ޙާލަތްތަކުގައި ހުރިހާ ކުދިންވެސް އެހީތެރިވާންވާނެއެވެ. އެއީ ހުރިހާ ދަރިންގެ މައްޗަށް އޮންނަ ވަރަށް ބޮޑު ވާޖިބެކެވެ.  

ދާދިފަހުން ހޮސްޕިޓަލެއްގައި ހިނގައި ދިއަ ކަމެކެވެ. ދަރިންގެ މަންމަ އެއިރު އޮތީ އައިސީޔޫގައެވެ. މަރާ ހަނގުރާމަކުރަމުން ދަނީއެވެ. މަންމަގެ ޚިދުމަތުގައި ދަރިން ތިބެނީ ގަޑި ބަހައިގެންނެވެ. އެއީވެސް މައްސަލައެއް ނޫނެވެ. ކަންބޮޑުވާންޖެހުނީ ޑިޔުޓީ ބަދަލުކުރަން އަންނަންޖެހޭ ކުއްޖާއަށް އައުދެވުން 5 މިނިޓް ލަސްވީތީ އެކަން ބޮޑު ކަމަކަށް ހަދައި އަޑުގަދަކޮށް ޒުވާބުކުރީތީއެވެ.

ނިކަން ވިސްނައިލަބަލާށެވެ! މަންމަ އޮތީ ކޮންމެ ވަޤުތަކުވެސް ނޭވާހުއްޓިދާނެ ފަދަ ސީރިޔަސް ޙާލަތެއްގައެވެ. ކޮންމެ ވަޤުތަކުވެސް ކޮންމެ މީހެއްގެވެސް ނޭވާހުއްޓިދާނެއެވެ. ނަމަވެސް ޙާލަތު ސީރިޔަސްވެ އައިސީޔޫގައި އޮންނަން ޖެހުމަކީ މުޅިން ތަފާތު ދެކަމެކެވެ.  

މިޘާލަކަށް ހިނދުކޮޅެއްގެ ތެރޭގައި ނުވަތަ ދާދި އަވަހަށް މަންމަ ނިޔާވިނަމަ މަންމައަށް ޚިދުމަތްކުރަން ޑިޔުޓީގައި އިންނަންޖެހުމުގެ ފުރުޞަތު އެހިސާބުން ގެއްލުނީއެވެ. ވީއިރު 5 މިނިޓް އިތުރަށް މަޑުކޮށްލަން ޖެހުމުން އޮތީ އުފާކުރުން ނޫންހެއްޔެވެ؟ 5 މިނިޓް ކީއްކުރަންތޯ؟ އިނދެވެން އޮތްނަމަ އިތުރު 5 ގަޑިއިރުވެސް ނުއިންނަންވީ ކީއްވެގެން ހެއްޔެވެ؟  

ވިސްނާށެވެ! ތިބާއަކީ ހެޔޮލަފާ ދަރިއަކު ނަމަ އެންމެ ބޮޑަށް ހިތާމަކުރާނެ އެއްކަމަކީ މައިންބަފައިންނަށް ޚިދުމަތްކުރަން ލިބުނު ފުރުޞަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފުނީތީއެވެ. ނުވަތަ ހިފުނުލެއް މަދުކަމުންނެވެ.  

އެކުވެރިންނޭވެ! މައިންބަފައިންނަށް ޚިދުމަތްކުރަންވީ ތިމާއަށް ވާޖިބުވާ މިންވަރު ބަލައި ކިރައި މިން އަޅައިގެނެއް ނޫނެވެ! މައިންބަފައިން ދަރިންނާއިމެދު އެގޮތަށް މިންއަޅައި ކިރައި ހަދައިގެން ދަރިން ބެލިނަމަ ދަރިންނަށް އުޅެންޖެހޭނެ ނިކަމެތި ޙާލު ނިކަން ހިތަށް އަރުވައިބަލާށެވެ! އެވިސްނުމުން ވިސްނޭނަމަ މިބާވަތުގެ އެއްވެސް ޝަކުވާއެއް ނުކުރާނެއެވެ. ބަލާނީ ވީހާ ރަނގަޅަކަށް ޚިދުމަތްކުރެވޭތޯއެވެ!

 

- މިއަދުނޫސް

 

މިއަދު އޮންލައިން