އެއީ މިއަދު މުސްކުޅިވެފައި އިން އަންހެނެކެވެ. ޒުވާން ޢުމުރުގައި ދަރިފުޅާއިއެކު އެކަނިވެރިވުމުން އިތުރު ކައިވެންޏެއް ނުކުރެއެވެ. ދަރިފުޅު ގެންގުޅެ ބޮޑުކުރީ މީސްމީހުންނަށް މަސައްކަތްކޮށްދީގެންނެވެ.
ހުރީ އަންހެން ދަރިއެކެވެ. ކޮލެޖު ނިމުނުތަނުން ގެއްލިއްޖެއެވެ. ދިއަތަނެއްވެސް ނުއެނގުނެވެ. އޭނާގެ އެކުވެރިންގެ ކިބައިންވެސް އެނގުނުވަރަކީ ދުނިޔޭގައި ހުރިކަމެވެ. އެވަރުންވެސް އުޅޭތަނެއް ނުއެނގުނެވެ.
ކުރެވޭނެ ކަމެއް ނެތުމުން ކެތްތެރިވެގެން ހުއްޓައި 5 އަހަރުފަހުން ފެނުނެވެ. ތަނަވަސް މީހަކާއިއެކު ހުއްޓައެވެ. ލިބުނު އުފަލުގެ ބޮޑުކަމުން ގާތަށްގޮސް ދަރިފުޅާ ޢާއިޝާ! އެވެ ބުނުމުން ސުވާލުކުރީ އަހުރެންގެ ނަން ދަސްކޮށްދިނީ ކާކުތޯއެވެ؟ ތިއަ އުޅެނީ ފައިސާއަށް ބޭނުންވެގެން ކަމަށްވާނަމަ ބުނަނިކޮށް ފައިސާކޮޅެއް ދީފާނެ ކަމަށެވެ.
މަންމަ ރޮމުން ތިއައީ އަހުރެންގެ ހުރި ހަމައެކަނި ދަރިފުޅުކަމަށާއި މިއުޅެނީ އެއްވެސް ފައިސާއަކަށް ބޭނުންވެގެން ނޫންކަމަށް ބުނުމުންވެސް މަންމަކަމަށް ޤަބޫލުކުރަން ކުރީ އިންކާރެވެ. އެވަޤުތު އެމީހާ އެދުނީ މިއީ މަންމަގެ ދަރިފުޅުކަން ޘާބިތުކޮށްދެވޭނެ ހެއްކަކަށެވެ. މަންމަ ބުނީ ފުދި އިތުރުވާވަރަށް ގޭގައި ހެކި ހުންނާނެ ކަމަށެވެ. "މައްސަލައެއް ނެތެވެ! އހުރެން ފަދަ ނިކަމެތިންގެ ގޭގެއަކަށް ތިއަހައި ތަނަވަސް މީހުންނެއް ނުދާނެއެވެ. އެހެންވީމާ އަހުރެން މިކުރަނީ ދުޢާއެވެ. މިހިރަ ނުބައި ނުލަފާ، މައިމީހާއަށް ރަޙުމެއް ނެތް ދަރިފުޅުގެ ޙަޤީޤަތް ހާމަކޮށްދެއްވެވުން އެދިއެވެ."
އެހެން ބުނެފައި ދެއަތް ރަނގަޅަށް އުފުލައިވެސް ނުލެވެނީސް ދަރިފުޅު އައިސް މަންމަގެ ފައިމައްޗަށް ތިރިވެ މާފަށް އެދިއްޖެއެވެ. ބުންޏެވެ. "ލޯބިވާ މަންމާއެވެ! މަންމައަށް ނުފެނި މިއުޅެނީ މަންމަދެކެ ލޯބިނުވާތީއެއް ނޫނެވެ. އަހުރެންގެ ނިކަމެތިކަން އެނގިއްޖެނަމަ ލޯބިވެރިޔާ އަހުރެންނާއި ކައިވެނިނުކޮށްފާނެތީއެވެ! އަހުރެންނަށް ބަދުދުޢާ ނުކުރާށެވެ! އަހުރެންނަށް މާފުކުރާށެވެ!"
ތަނަވަސް މީހާ ބުންޏެވެ. "ތިބާއަކީ ފަޤީރެއްކަން އެނގުނު ނަމަ މާބޮޑަށް ލޯބިވީމުހެވެ. އެކަމަކު މިގުޅުން މިހިސާބުން މިނިމުނީއެވެ. އެކަނިމާއެކަނި ބުރަމަސައްކތުން ގެންގުޅެ ބޮޑުކޮށް ހުރިހާ ކަމެއްކޮށްދިން މައިމީހާއަށް ތިއަހެން ކަންތައްކުރި އަންހެނަކު އަހުރެންނަށް ރަޙުމްކުރާނެ ކަމަށް އުންމީދުކުރުމަކީވެސް މޮޔަކަމެކެވެ."
އެހެން ބުނެފައި މަންމަގެ އަތަށް ފައިސާބޮނޑިއެއްލައިދީފައި ބުނީ ތިއައީ އަހުރެންގެ މަންމަގެ ހަނޑާނުގައި ތިއަ މަންމައަށް ކުރި ޞަދަޤާތެއް ކަމަށެވެ. ކޮންމެ މަހަކުވެސް ދެން ފައިސާ ލިބޭނެ ކަމަށެވެ. އެހެންބުނެފައި ކާރަށް އަރައިގެން ދިއުމުން ދަރިފުޅަށް ޖެހުނީ ތިއައީ މަންމަ ނޫންކަމަށްބުނި މަންމައާއިއެކު ގެއަށްދާށެވެ.
މިއީ އަޅުގަނޑު ބެލި ފިލްމެއްގެ ކުރު ޚުލާޞާއެކެވެ. ދަރިންނަށް އަޅުގަނޑު ބުނެލަން ބުނެލަން ބޭނުންވަނީ މަންމަގެ ހެޔޮދުޢާ ލިބޭނެ ގޮތަށް އުޅޭށެވެ. ބަދުދުޢާކުރަން ނުޖެހޭނެ ގޮތަށް އުޅޭށެވެ. ދަރިންނަށް އެންމެ ފައިސާހުރި އެއްޗަކީ މައިންގެ ހެޔޮދުޢާއެވެ.
މިހާދިސާއިންވެސް އެނގެނީ އެދަރިފުޅު ލޯބިވެރިޔާއަށް އޮޅުވާނުލައި ތެަދަށް ބުނެގެން އުޅުނުނަމަ އެކައިވެނިކުރެވުނީސްކަމެވެ. ހުރިހާ ދެރައެއް އެލިބުނީ މަންމަގެ ހިތުގައި ޖެއްސުވުމުން ކަމެވެ.
- ފާއިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް