ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ގިނަ ފައިދާތަކެއް ލިބޭނެ: އިޤްތިޞާދީ ވުޒާރާ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ގިނަ ފައިދާތަކެއް ލިބޭނެ: އިޤްތިޞާދީ ވުޒާރާ

ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ގިނަ ފައިދާތަކެއް ވެގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި ފޯރަމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކުގައި ވިޔަފާރިތަކާއި މަދަނީ ޖަމްޢިއްޔާތަކާއި، އެހީ ފޯރުކޮށްދޭ ޤައުމުތަކާއި ޖަމްޢިއްޔާތަކުގެ އިތުރުން ދިރާސާވެރިންނާއި ކަމާގުޅޭ އެކި ދާއިރާތަކުގެ ޙިއްސާ އިތުރުކުރުމަށް ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ މުހިންމު ފޯރަމެކެވެ.

މި ފޯރަމްގެ ތެރެއިން ކުދި ޖަޒީރާ ޤައުމުތަކުގައި ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށާއި، އެ ޤައުމުތަކުގައި އިންވެސްޓްކުރުމާއި އިންވެސްޓްމަންޓްތައް ދެމެހެއްޓުމަށް ހުރި ހުރަސްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކޮށް ތަޖުރިބާ ޙިއްސާކުރެވޭނެއެވެ.

މި ފޯރަމް ރާއްޖޭގައި ބޭއްވުމަށް މަގުފަހިވެގެންދިޔައީ 2024 ވަނަ އަހަރު އެންޓީގާ އެންޑް ބާބޫޑާގައި ބޭއްވި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައި، ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ މާލީ ވަޞީލަތްތައް ހޯދުމަށް އިތުރު މަސައްކަތްތަކެއް ކުރެއްވުމަށް ބާރުއެޅުއްވުމާ ގުޅިގެންނެވެ.

މިއަހަރު ރާއްޖޭގައި ބާއްވާ ފޯރަމް މައިގަނޑު ތިން ގޮތަކުން ޚާއްސަވެގެންދެއެވެ. އެގޮތުން، މިއީ ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމްގެ ގޮތުގައި މި ފޯރަމް ބާއްވާތާ 10 އަހަރު ފުރޭ އަހަރެވެ. ހަމައެއާއެކު، 2024 ވަނަ އަހަރު ފާސްކުރި ކުދި ޖަޒީރާ ޤައުމުތަކުގެ 10 އަހަރުގެ ތަރައްޤީގެ ތަޞައްވުރު "އެންޓީގާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އަބާސް)" ފާސްކުރުމަށްފަހު ބޭއްވޭ މި ސިލްސިލާގެ ފުރަތަމަ ފޯރަމެވެ. އަދި އަބާސްގެ ދަށުން ހިންގުމަށް ނިންމާފައިވާ އައިލެންޑް އިންވެސްޓްމަންޓް ފޯރަމް ސިލްސިލާ އިފްތިތާޙު ކުރެވިގެންދާނީވެސް މި ފޯރަމްގެ ތެރެއިންނެވެ.

ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026 އާއި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އިން 25 އަށް ބާސެލޯސް ނަސަންދުރާގައެވެ.

މިއަދު އޮންލައިން