ގޯއްޗާއި ފްލެޓް ފޯމްތަކުގައި ފުށުއެރުމެއް ހުރި ނަމަ އެޕްލިކަންޓަށް އަންގަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ގޯއްޗާއި ފްލެޓް ފޯމްތަކުގައި ފުށުއެރުމެއް ހުރި ނަމަ އެޕްލިކަންޓަށް އަންގަނީ

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގެ ވެރިފިކޭޝަންގެ ތެރެއިން ފޯމްތަކުގައި ފުށުއެރުމެއް ހުރި ނަމަ އެޕްލިކަންޓަށް އަންގާ ގޮތަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އަރބަން ޑިވެލޮޕްމެންޓުން ނިންމައިފިއެވެ.

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި އެޕްލިކޭޝަން ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ މިހާރު ދަނީ ކުރިއަށެވެ. މި ޕްރޮސެސްގެ ތެރެއިން ހުށަހަޅާފައިވާ މަޢުލޫމާތުތަކާއި، މިނިސްޓްރީއަށް ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކުން ފޮނުވާފައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކުރާނެއެވެ. އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުގައި ފުށުއެރުމެއްވާނަމަ އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް މިނިސްޓްރީން އަންގާނެއެވެ.

އަދި ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ދީފައިވާ ނޯޓިސްގައިވާ މަޢުލޫމާތު ޞައްޙަ ނޫންކަމުގައިވާނަމަ އެކަމުގެ ތަފްޞީލާއި ކަމާގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ކަލަންޑަރު 7 (ހަތެއް) ދުވަހުގެ މުއްދަތެއް އެޕްލިކަންޓަށް ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޕޯޓަލްގައި އެޕްލިކޭޝަންއާ ގުޅިގެން އަންނަ ބަދަލުތަކާ ބެހޭ މަޢުލޫމާތު، އެޕްލިކަންޓު ފޯމު ފުރިހަމަކުރެއްވިއިރު ހިއްސާކޮށްފައިވާ މޮބައިލް ނަންބަރަށް އެސް.އެމް.އެސް މެދުވެރިކޮށް އަންގާނެއެވެ. މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅާނަމަ، އެ އެޕްލިކޭޝަން ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލޭނެއެވެ.

އެޕްލިކޭޝަނާ ގުޅިގެން މިނިސްޓްރީން ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބު ހުށަހެޅުމަށް ބޭނުންކުރަންވާނީ ހަމައެކަި ބޯހިޔާވަހިކަން ޕޯޓަލްއެވެ. މިނިސްޓްރީއަށް އީމެއިލް، ސިޓީ ނުވަތަ އެހެން ވަސީލަތެއްގެ ޒަރީޢާއިން ހުށަހަޅާ ޖަވާބުތައް މި މަރުހަލާގައި ބަލައިނުގަންނާނެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން