މިއަހަރުގެ މިހާތަނަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު 1.3 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓްގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފަށް ޖުމްލަ 1.3 ބިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ.
ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމަށް ކުރި ހޭދަވެސް ވަނީ މި މުއްދަތުގައި ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް 9.7 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކުރި 3.9 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
ސަރުކާރުން މިއަހަރުގެ ތެރޭގައި ދައްކާފައިވާ 500 މިލިޔަން ޑޮލަރުގެ ބޮޑު ލޯނު ދައްކާފައިވަނީވެސް އެސްޑީއެފް ފަންޑު މެދުވެރިކޮށެވެ.