ރާއްޖޭގެ ފެނުގެ ޚިދުމަތް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށްޓަކައި ހިންގުމަށް ރާވާފައިވާ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ޚާއްސަ އެއް މަސައްކަތެއްގެ ގޮތުގައި ކަނޑުގެ އަޑިން ފެން އުފެއްދުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް އެމްޑަބްލިޔުއެސްސީން ނިންމައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓް ޤާއިމުކޮށްގެން ފެން އުފެއްދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވީ، ރާއްޖޭގެ ފެނުގެ ނިޒާމު ހަރުދަނާކޮށް އަތޮޅުތަކުގައި ޚިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އަދި ކަނޑުގެ އަޑިން ފެން އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާ ގުޅިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ މި މަސައްކަތުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށް، ފީސިބިލިޓީ ސްޓަޑީއާއި ޓެކްނިކަލް އަދި އެންވަޔަރަމަންޓަލް ދިރާސާތައް ކުރަމުންދާ ކަމަށެވެ. އަދި މި ހުރިހާ މަރުހަލާއެއް ނިންމުމަށްފަހު އަންނަ އަހަރުގެ މެދުތެރޭގައި ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
މި މަޝްރޫޢުގެ ފައިދާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، "އެންމެ ފުރަތަމަ މި ހަދަނީ ފައިނޭސަލް ފީސިބިލިޓީ، ކިހާ ބޮޑު އިންވެސްޓުމަންޓެއްތޯ ދާނީ. މީގައި އެބަހުރި ވަރަށް ބޮޑު އެޑްވާންޓޭޖް ތަކެއް. އެނަރޖީ އެފިޝިއަންޓުވުމާއި ރިޖެކްޓު ވޯޓަރ ކަނޑަށް ދޫކުރުމަށް ފަސޭހަވުމާއި 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފުލޮނެއް. ބޯހޯލުން ނަގާ ލޮނަށްވުރެއް ސާފުވާނެ. އޯރގަނިކް މެޓަލް މަދު، މީގެ ސަބަބުން އެފިޝިއެންސީ އިތުރުވުމާއި އަދި ޚަރަދު ކުޑަވާނެ." ކަމަށެވެ.
މި މަސައްކަތް ނޯވޭގައި ކާމިޔާބުކަމާއެކު ހިނގަމުންދާތީ، އެމްޑަބްލިޔުއެސްސީގެ ޓެކްނިކަލް ޓީމެއް އެ މަސައްކަތް ބަލައި ތަޖުރިބާ ހޯދުމަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ. މީގެއިތުރުން، މިއީ ރާއްޖެ ނަމޫނާއަކަށް ވެގެންދާނެ ފަދަ މުހިންމު އަދި ބިޔަ މަޝްރޫޢަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.