ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމެންޓް ބަހައްޓައި، ދެ ރަށް އެއްކޮށް ގުޅުވާލައިފިއެވެ. މި މަސައްކަތް ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއިން މައުލޫމާތުދޭ ގޮތުގައި، މި ފަހު ސެގްމެންޓް ބެހެއްޓުމާއެކު މާލެއާއި ވިލިމާލެ ގުޅުވައިދޭ ބްރިޖުގެ "ސުޕަ ސްޓްރަކްޗާ" ނުވަތަ މައި އޮނިގަނޑުގެ މަސައްކަތް މިހާރު ވަނީ މުޅިން ފުރިހަމަވެފައެވެ.
ބްރިޖުގެ މައި އޮނިގަނޑު ގުޅާލެވުނު ނަމަވެސް، ފިނިޝިން މަސައްކަތްތަކާއި، ރައްކާތެރިކަމުގެ ރޭލިންގްސް ހަރުކުރުމާއި އަދި އަލިކުރުމުގެ މަސައްކަތްތައް ފަދަ އިދާރީ އަދި ފަންނީ މަސައްކަތްތަކަށް އަދި ވަގުތު ނަގާނެ ކަމަށް އެފްކޮންސްއިން ބުނެއެވެ. އެހެންކަމުން އާންމުންނަށް ދަތުރުފަތުރު ކުރަން ފެށޭނީ މި ހުރިހާ ފިނިޝިން މަސައްކަތްތަކެއް އެކީ ނިމުމުންނެވެ.
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ހިންގާ މި މަޝްރޫއުގައި އެ ރަށްތަކަށް ގުޅާލާ ހައިވޭތައް ހެދުމުގެ މަސައްކަތްވެސް އެކުއެކީގައި ދަނީ ކުރިއަށެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ވިދާޅުވާ ގޮތުގައި ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި މިހާރު ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުރެއެވެ.
މި ބިޔަ މަޝްރޫއަށް ޖުމްލަ 500 މިލިއަން ޑޮލަރު (7 ބިލިއަނަށްވުރެ ގިނަ ރުފިޔާ) ހޭދަވާނެއެވެ. މީގެ ތެރޭގައި ހިމެނެނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެވެ. މީގެއިތުރުން މި މަޝްރޫޢަށް ދިވެހި ސަރުކާރުންވެސް ބޮޑު ޚަރަދެއް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.