ދައުލަތުން ގްރާންޓުތަކާއި ސަބްސިޑީއަށް ކުރި ޚަރަދު 8 ބިލިއަން ރުފިޔާއަށް އަރައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދައުލަތުން ގްރާންޓުތަކާއި ސަބްސިޑީއަށް ކުރި ޚަރަދު 8 ބިލިއަން ރުފިޔާއަށް އަރައިފި

މި އަހަރުގެ މިހާތަނަށް ދައުލަތުން ގްރާންޓުތަކާއި ސަބްސިޑީއަށް ކުރި ޚަރަދު 8 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން، މި ހިނގާ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ގްރާންޓުތަކާއި ސަބްސިޑީއަށް ޖުމްލަ 8.08 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ދާއިރާއަށް ޚަރަދުކޮށްފައިވަނީ 5.6 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 44 އިންސައްތައިގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ޚާއްޞަކޮށް ސަބްސިޑީއަށް ކުރި ޚަރަދު ވަނީ ބޮޑުތަނުން އުފުލިފައެވެ. އެގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީއަށް އެކަނިވެސް 3.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ޚަރަދުކޮށްފައިވަނީ 1.9 ބިލިއަން ރުފިޔާއެވެ. މިއީ ސަބްސިޑީގެ ޚަރަދުގައި 78.4 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

މާލީ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި ސަބްސިޑީގެ ޚަރަދު މި މިންވަރަށް އުފުލިގެން ދިޔަ މައިގަނޑު ސަބަބަކީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ވިއްކާ ތެލުގެ ސަބްސިޑީއަށް ހިނގި ޚަރަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމެވެ.

ސަރުކާރުން ސަބްސިޑީ ފޯރުކޮށްދިނުމުގެ މައިގަނޑު ބޭނުމަކީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ތަކެއްޗާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހިނގާ އަސްލު ޚަރަދާއި، ކޮންޓްރޯލް އަގުގެ ދެމެދުގައި ހުންނަ ފަރަގު ފޫބެއްދުމެވެ. އަދި އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލާއި ޚިދުމަތްތައް ހެޔޮ އަގުގައި، ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަކީވެސް ސަބްސިޑީ ދިނުމުގެ މުހިންމު މަޤްޞަދެކެވެ.

މިއަދު އޮންލައިން