ޤަވާއިދުން ބޯހިޔާވަހިކަން ޕޯޓަލް ޗެކް ކުރަމުން ގެންދިއުމަށާއި، ޖަވާބުދާރީވުމަށް ކަނޑައަޅާފައިވާ 7 ދުވަހުގެ މުއްދަތުގެ ތެރޭގައި އެކަން ކުރިޔަށް ގެންދިއުމަށް ބިނާރާއި ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އިލްތިމާސް ކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކައުންސިލުތަކާއި ސިޓީ ކައުންސިލުތައް އަދި އެހެނިހެން އިދާރާތަކުގައި ހުރި ގޯތިގެދޮރުގެ ރަޖިސްޓްރީއާ ގުޅޭ މަޢުލޫމާތުތައް މިހާރު އެއްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ރަޖިސްޓްރީއާ ގުޅިގެން ފުށުއަރާ މީހުންނަށް އެކަން އަންގައި، ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މި މަޢުލޫމާތުތައް ބަލާނީ މުޅިން އޮޓަމޭޓެޑް ޕްލެޓްފޯމަކުން ކަމަށާއި، މަޢުލޫމާތު ފުށުއަރާ ފަރާތްތަކަށް އެކަން އަންގާނީ ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެގޮތުން ޖަވާބުދާރީވުމަށް 7 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވަނީ، އިދާރާތަކުގައި ހުރި މަޢުލޫމާތަކީ އެންމެ ރަނގަޅަށް ބަލަހައްޓައި އަދާހަމަކުރެވިފައިވާ މަޢުލޫމާތަށް ނުވެދާނެތީ އެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ.
"7 ދުވަހުގެ މުއްދަތުގެ ތެރޭގައި އެއްވެސް ޖަވާބެއް ނުދީފިނަމަ އެ މަޢުލޫމާތު ރަނގަޅުކުރުމަށް ދިން މުއްދަތު ބަންދުވާނެ. މިލްކުވެރިކަމާ ގުޅޭ މި ބައި، މިއީ ފުލީ އޮޓަމޭޓެޑް ބައެއް. ސިސްޓަމުން އެ މަޢުލޫމާތު ސައްޙަކަން ނޫންކަމަށް ފްލޭގް ކުރީމަ އެކަން މި އަންގަނީ އެޕްލިކަންޓަށް. ޖަވާބުދާރީވާން ފުރުޞަތެއް މި ދެނީ،" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ކައުންސިލެއްގައި އަދާހަމަ ނޫން މަޢުލޫމާތު ހުރުން ނުވަތަ ޝަރުޢީ މަރުޙަލާއެއް އަދި ތަރިކަ މުދަލުގެ މައްސަލައެއް އޮވެ ރަނގަޅަށް ރަޖިސްޓްރީ ނުވެ އޮވެދާނެ ކަމަށެވެ. އެހެންކަމުން އޭގެ ޙަޤީޤަތް އެންމެ ރަނގަޅަށް ބުނެދެވޭނީ އެޕްލިކަންޓަށް ކަމަށްވާތީ އެކަން ސާބިތުކޮށްދިނުމުގެ ފުރުޞަތު ދެނީ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ތަޢުލީމާއި ވަޒީފާއާއި ދަފްތަރާ ގުޅުންހުރި މަޢުލޫމާތުތައް ކަށަވަރު ކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުންނެވެ.
ސްޓޭޓް މިނިސްޓަރ ވަނީ ޕޯޓަލް މެދުވެރިކޮށް އަންގާ އެންގުންތައް ވަކި ތަރުތީބަކުން ނޫން ކަމަށާއި، ސިސްޓަމްގެ އޮޓަމޭޓް ޕްރޮސެސްއަކުން ކުރިއަށްދާއިރު ޤަވާއިދުން ޕޯޓަލް ބެލުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މަޢުލޫމާތު ފޯރުކޮށްދޭން ދަތިވިނަމަވެސް، 7 ދުވަހުގެ ތެރޭގައި އެކަން އަންގައި މުޢާމަލާތްތައް ފެށުމަށް އެދިވަޑައިގެންނެވިއެވެ.
ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ވެރިފިކޭޝަން މަސައްކަތްތައް އެއްކޮށް ނިންމައި، އެ މަހުގެ ތެރޭގައި ފްލެޓާއި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ޢާންމުކުރުމަށެވެ.